މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ކޮރަޕްޝަނާ ގުޅިގެން ގެއްލިފައިވާ ފައިސާ ހޯދުމަށް ބޭރުގެ ފަންނީ މާހިރެއް އައްޔަންކޮށް އެ ފަރާތާއެކު މަސައްކަތްކުރުމުގެ ބާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ދިނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފި އެވެ.

ބޭރުގެ މާހިރެއް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ ބަލަން ގެންނަ ގަރާރު ހުށަހެޅީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

ނަޝީދު އިސްވެ ހުންނަވައި، އެގަރާރު މަޖިލީހަށް ހުށަހެޅުއްވިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެމްބަރުންނަށް ލިބިފައިވާ ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.

މަޖިލީޙަށް ހުށަހެޅި އެ ގަރާރުގައި ބުނީ، އެމްޑީޕީގެ އެންމެ މުހިންމު އެއް ވައުދަކީ އެމްއެމްޕީއާރްސީ ހިޔާނާތުން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުން ކަމަށް ވެފައި، އެ ހިޔާނާތާ ގުޅިގެން ގެއްލުނު ފައިސާ ހޯދުމަށައި ހިޔާނާތުގެ ބައިވެރިން ހޯދުމަށް އެ މައްސަލަ ތަހުގީގު ކުރަމުންދަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފުލުހުން ގުޅިގެން ކަމަށެވެ.

އެ ތިން އޮފީސް ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރާއިރު ވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ އަވަސް މިނެއްގައި ތަހުގީގު ކުރެވެމުން ނުދާ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުން ކަންބޮނޑުވާ ކަމަށެވެ.

މީގެ އިތުރުން އެ ގަރާރުގައި ބުނީ، އޮގަސްްޓް 26، 2018 ގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރެއްގެ ދަށުން ބޭރުގެ ފަންނީ ތަޖުރިބާކާރަކު ހޯދައި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ފައިސާ ދަތުރުކޮށްފައިވާ ގޮތާއި އެ ފައިސާއާ ބެހޭ މައުލޫމާތާއި އަދި އެނޫން ވެސް އެ ފަރާތުގެ އެންމެހައި ހޯދުންތައް ސަރުކާރަށް ފޯރުކޮށްދީފައިވީ ނަމަވެސް، އެ މައުލޫމާތުގެ އަލީގައި ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް ވެސް މައްސަލަ ބަލާ ފަރާތްތަކުން ކުރަމުންނުދާ ކަމަށެވެ.

އެ ހުރިހާ ކަމެއް އެހެން ހުރުމުން އެމްއެމްޕީއާރްސީ ހިޔާނާތުން ގެއްލުނު ފައިސާއަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް ކޮށްދޭނެ ބޭރުގެ ފަންނީ މާހިރަކު ހޯދައި، އެ ފަރާތްތަކާ އެކު ކުރަންޖެހޭ މަަސައްކަތްތައް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ކުރުމަށް ނަޝީދުގެ ގަރާރުގައި ވެ އެވެ.