އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް އުވާލުމުގެ ބަދަލުގައި، ދިގު މުއްދަތަކަށް އެ މަސައްކަތްތައް ހުއްޓާލުމަށް (ފްރީޒް ކުރުމަށް) އީރާނުން މިހާރު ތައްޔާރަށް އޮތް ކަމަށް އަލް އަރަބިއްޔާއިން ރިޕޯޓުކޮށްފި އެވެ. ނަމަވެސް މިގޮތަށް އެއްބަސްވަނީ އީރާނުގައި ހުރި ގާތްގަނޑަކަށް 400 ކިލޯގެ މަތީ މިންވަރަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމް، އެމެރިކާގެ ބަދަލުގައި ރަޝިޔާއަށް ބަދަލުކުރާ ގޮތަށެވެ.
އަރަބި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މީގެ ކުރިން އީރާނުން ބަދަލުގެ ގޮތުގައި ފައިސާއަށް އެދުނު ނަމަވެސް، މިހާރު އެ ނިންމުން ބަދަލުކޮށް އޭގެ ބަދަލުގައި އިގްތިސާދީ ލުއިތަކެއް ހޯދުމަށް ވަނީ ހުށަހަޅާފަ އެވެ.
ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ކަންކަމަށް އީރާނުން ދިން 14 ނުކުތާގެ ޖަވާބުގައި، ދިގު މުއްދަތަކަށް އަދި އެކި މަރުހަލާތަކަށް ބަހާލައިގެން ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު މަރުހަލާތަކަކަށް ބަހާލައިގެން ހުޅުވާލުމަށާއި، އެ ސަރަހައްދުގައި އެއްވެސް ނުތަނަވަސްކަމެއް އުފެދިއްޖެ ހާލަތެއްގައި ޕާކިސްތާނާއި އޮމާނުން މެދުވެރިއެއްގެ ދައުރު އަދާކުރާ ގޮތަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
އަލް އަރަބިއްޔާ ޓީވީން ބުނާ ގޮތުގައި، އީރާނުގެ ނިއުކްލިއާ ހަރަކާތްތައް އެއްކޮށް އުވާލުމުގެ ބަދަލުގައި ދިގު މުއްދަތަކަށް މެދުކަނޑާލުމަށް އެ ގައުމުން މިހާރު އިރާނުން ވަނީ އެއްބަސްވެފަ އެވެ. މިއީ އެ ގައުމުން އިސްލާހުކޮށް ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ލީކުވެފައިވާ މައުލޫމާތުތަކަށް ބިނާކޮށް އެ ނޫހުން ހާމަކޮށްފައިވާ ކަންކަމެވެ.
މި ހުށަހެޅުމުގައިވާ ގޮތުން، ފައްކާކޮށްފައިވާ ޔުރޭނިއަމް ރަޝިޔާއަށް ފޮނުވާލުމަށް އީރާނުން އެއްބަސްވަނީ ވަކި ޝަރުތުތަކެއްގެ މަތިންނެވެ.
އެމެރިކާއިން އެންމެ ފަހުން ތައްޔާރުކުރި ލިޔުމަށް ބަދަލުތަކެއް ގެނައި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އަދިވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އެބަހުރި ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކުރެއެވެ. އެމެރިކާއިން ދަނީ ހަގީގަތާ ނުބައްދަލު އަދި އިންސާފުން ބޭރު ބޮޑެތި ކަންތައްތަކަކަށް އެދެމުން ކަމަށް އީރާނުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެބޯލާ ފެތުރޭ ގައުމުތަކަށް ދަތުރުނުކުރަން އިލްތިމާސްކޮށްފި
"މައިކަލް" އަނެއްކާވެސް ޗާޓުގެ އެއްވަނައަށް!
އީރާނުގެ އިސްލާހުތައް އެމެރިކާއާ ހިއްސާކޮށްފި