ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު، (ސޯބެ) ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާލޭގައި ބޭއްވި ސޯބެގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރިހަމަ ތާއީދު ސޯބެއަށް އެބައޮތް ކަމަށެވެ.

ދާއިރާގެ ހުރިހާ ރައްޔިތުން ނުކުމެ ސޯބެއަށް ވޯޓު ދެއްވުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

ސޯބެ އަކީ އައްޑޫ ސިޓީއަށް ގެނެވުނު ގިނަގުނަ ޒަމާނީ ބަދަލުތަކުގެ މޭސްތިރިޔާ ކަމަށް ރައީސް ސޯލިހު ސިފަކުރެއްވި އެވެ. އައްޑޫ ސިޓީގެ މޭޔަރުކަން ޖެހިޖެހިގެން ތިން ދައުރު ކުރައްވާފައިވާ ސޯބެ، ރައްޔިތުން ފަހުރުވެރިވާފަދަ މަސައްކަތްތަކެއް މަޖިލީހުގެ ތެރޭގައި ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ހިތަދޫ އުތުރު ދާއިރާގެ އަޑު މަޖިލީހުގައި ނީވޭ ކަމަށާއި، ސޯބެ އިންތިހާބުވުމުން އެ ދާއިރާގެ އަޑު ރައްޔިތުންގެ މަޖިލީހުގައި ވަރަށް ވަރުގަދައަށް އިއްވައިދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރިގެން ދިޔައިރު، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދިފައި ނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިހާރު ރައްޔިތުންގެ އަސާސީ ހައްގުތައް ވަނީ ގެއްލިފަ އެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ވެސް ސަރުކާރުން ކަނޑުވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ޖަލްސާގައި ރައީސް ސޯލިހު ވަނީ ޖަލަށްލާފައިވާ އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ވަގުތުން ދޫކޮށްލުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފަ އެވެ. އަދި އެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި މުޒާހަރާކޮށްގެން ހައްޔަރުކުރި އެންމެން ވެސް ދޫކޮށްލުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ އަބަދުވެސް އޮންނާނީ އެ ނޫސްވެރިންނާއެކު ކަމަށެވެ.