ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނެސްދީ ސިޔާސީގޮތުން ބަދަލުހިފުން ނައްތާލާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމުން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން އަބަދުވެސް އުޅެނީ ސިޔާސީ މީހުން ޖަލަށްލައި، ވަރަށް 'ވިޝަސް ސައިކަލް'އެއްގެ ތެރޭގައި ކަމަށެވެ. އެކަމަކު މި ސަރުކާރުން އެކަން ނިންމާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ގައުމަށް ހަމަޖެހުން އައިސްފައި އޮތުމުން، ސިޔާސީ މީހުން މިހާރު އެއްގޮތަކަށް ވެސް ބިރު ގަންނަން ނުޖެހޭނެ ކަމަށެވެ.

ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމުން ރައީސް ވަނީ އެކަމަށް ނުސީދާ ރައްދެއް ދެއްވާފަ އެވެ.

"'ޑިމޮކްރަސީގެ ޗެމްޕިއަނުން' ކަމަށް އަމިއްލައަށް ދެކޭ މީހުންގެ ވާހަކަތައް، އަމަލާއި ބަހާ ދިމާވޭތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހޭ. އެހެން މި ބުނަނީ ޑިމޮކްރަޓިކް އުސޫލުގެ ތެރެއިން ސަރުކާރެއް އުފެދިގެން އައިސް، އެއާ އެއްގޮތަށް މަސައްކަތް ކުރަމުންދާއިރު ޑިމޮކްރެޓިކް ހަމައިން ބޭރުން ސަރުކާރުން ބަދަލުކުރަމުން މަސައްކަތް ކުރުމާއި ގައުމުގައި އޮތް ހަމަޖެހުން ނަގާލުމާއި ޕޮލިޓިކަލް ފްރީޑަމް، އަމިއްލައަށް ނަގާލަން މަސައްކަތްކުރުމުގެ މާނައެއް އެބައޮތްބާއޭ،" ރައީސް ސުވާލު ކުރެއްވި އެވެ.

ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެމަނިކުފާނު މަސައްކަތް ކުރާއިރު ގައުމުގައި ހަމަޖެހުން ގާއިމްކުރުމުގައި ކުރީގެ ތިން ރައީސުންގެ ޒިންމާ އެބައޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު އެއްވެސް ގޮތަކަށް އަޅާލާނެ ކަމެއް ނޫން އަދި ކަންބޮޑެއް ވެސް ނުވޭ ސިޔާސީ ވެރިން ދައްކާނެ ވާހަކައަކާ ދޭތެރޭގައި. އެކަމަކު އަޅުގަނޑުގެ ޒިންމާ އަދާކުރާނަން ވަކި މީހަކަށް ތަފާތުކުރުމެއް ނެތި. ގާނޫނު އަސާސީ އަޕް ހޯލްޑް ކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ."ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާނެ ކަންކަމުގެ ހަގީގަތް."