މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ވަކިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަށްޓަކައި އެ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު މައާފަށް އެދިވަޑައިގަންނަވައިފި އެވެ.
ރައީސް ނަޝީދު މިގޮތަށް އެދިވަޑައިގަތީ ރ. ދުވާފަރަށް ކުރެއްވި ޒިޔާރަތެއްގައި، އެ ރަށު އެމްޑީޕީ މެންބަރަކު ކުރި އުނދަގޫ ސުވާލަކަށް ޖަވާބު ދެއްވަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދެއްކި މެންބަރަކު ވަނީ 2023 ވަނަ އަހަރު ނަޝީދު ޕާޓީން ވަކިވެވަޑައިގަތުމަކީ އެމްޑީޕީގެ އާއިލާއަށް ލިބުނު ފުން ހިތާމައެއް ކަމަށް ބުނެފަ އެވެ. އަދި އެއީ ނަޝީދަށް ހެއްދެވުނު ގޯހެއްގެ ގޮތުގައި ބަލައި، މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށްފަހު އަލުން ގުޅިގެން މަސައްކަތް ކުރުމަށް އެ މެންބަރު އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ.
މިކަމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ، އެމްޑީޕީއާ ވަކިވުމަކީ އެމަނިކުފާނަށް ވެސް ފަސޭހަ ކަމެއް ނޫން ކަމަށާއި، އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތް ބިނާވެފައި ވަނީ އެ ޕާޓީގެ މައްޗަށް ކަމަށެވެ. އަދި އެ ޕާޓީއަށްޓަކައި އެމަނިކުފާނަށް ވުރެ ބޮޑު ގުރުބާނީއެއް ވީ ނުވަތަ އަނިޔާ ތަހައްމަލުކުރި އެހެން މީހަކު ނުހުންނާނެކަން ފާހަގަކުރައްވައި، އަމިއްލަ އިހްތިޔާރުގައި ޕާޓީ ދޫކޮށްލަން ދުވަހަކު ވެސް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.
ޕާޓީން ވަކިވާން މަޖުބޫރުވި ސަބަބުތައް ތަފްސީލުކޮށް ދެއްވަމުން ނަޝީދު ވިދާޅުވީ، 2019 ގެ މަޖިލިސް އިންތިޚާބަށް ފަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނާ އޮތް ގުޅުން ކަނޑާލެއްވި ކަމަށެވެ. މީގެ އިތުރުން، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ދިޔަ ގޮތާއި، އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ޕާޓީގެ ތެރެއިން ފިޔަވަޅު އަޅަން ފެށުމަކީ ޕާޓީގައި ހުންނަން އުނދަގޫވި ސަބަބުތައް ކަމަށް ވިދާޅުވި އެވެ.
"2019 ގެ އިންތިޚާބުގައި 65 ގޮނޑި ލިބުމަށްފަހު، ރައީސް ސޯލިހު އަޅުގަނޑާ ވާހަކަ ދެއްކުން ހުއްޓާލެއްވި. އޭގެ ފަހުން ބޮމުގެ ހަމަލާއާއި ތަހުގީގުގެ މައްސަލަތައް ދިޔަ ގޮތުންނާއި، ހަސަން ލަތީފާއި އީވާ ފަދަ ބޭފުޅުން ވަކިކުރަން އުޅުމުން، އިތުރަށް އެތަނުގައި ހުންނާނެ ޖާގައެއް ނެތްކަން ޔަގީންވީ،" އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އެ ދުވަސްވަރު ދެއްކެވި ހަރުކަށި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ، އެމްޑީޕީގެ "ކެޔޮގަނޑުގެ ފޫ ވެއްޓިއްޖެ" ކަމަށާއި އެ ޕާޓީ "ރޫޅާލާނެ" ކަމަށް އޭރު ވިދާޅުވީ އޭރު އޮތް ހާލަތުގެ ސަބަބުން ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ފަރާތުން ވެސް ކުށްތަކެއް ކުރެވިފައި ހުރެދާނެ ކަމަށާއި، އެކަމަށް މައާފަށް އެދޭ ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މައާފަށް އެދެންޖެހޭ ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް، މެންބަރުން މައާފަށް އެދެންޖެހޭ ސީދާ ސަބަބެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ. އަދި ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ހަމައެކަނި އެމަނިކުފާނު ވަކިވުމުން ނޫން ކަމަށާއި، އެއީ އޭރު ހުރި ކެންޑިޑޭޓުގެ ފެންވަރާ ގުޅިފައި އޮތް ކަމެއް ކަމަށް ނަޝީދު ސިފަކުރެއްވިއެވެ.
ނަމަވެސް މާޒީގެ ހިތް ނުތަނަވަސްކަން ދޫކޮށްލުމަށް އެދިވަޑައިގަންނަވަމުން، ތަކުރާރުކޮށް އެމަނިކުފާނު ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.
ސިޔާސީ ހިލާފުތަކަށް ފަހު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ ޖޫން 2023 ގައެވެ. އޭގެ ފަހުން ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށް ފަހު، އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
"ދުރަންދަރް 2"ގައި އިންޑިއާގެ އަސްކަރީ ސިއްރުތަކެއް؟
ޑައިވަރުން މަރުވި ހާދިސާ: ހެކި ނަގައި ފުލުހުންނާ ހަވާލުކޮށްފި
ހަތަރު ޑައިވަރުންގެ ހަށިގަނޑު މިރޭ އިޓަލީއަށް ފޮނުވާލަނީ