ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހައްޖު އަދި އުމްރާގެ ދަތުރުތަކަށް ޚާއްސަ 26 ފްލައިޓެއް ކާމިޔާބުކަމާއެކު އޮޕަރޭޓްކޮށް، 6،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މޯލްޑިވިއަންގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މިއަހަރުގެ މެއި މަހުގެ ނިޔަލަށް ޖުމްލަ 6،073 ފަސިންޖަރުން ވަނީ އެ އެއާލައިންގައި ހައްޖާއި އުމްރާގެ އަޅުކަމަށް ދަތުރުކޮށްފަ އެވެ. މީގެ ތެރޭގައި މިއަހަރުގެ ހައްޖުގެ އަޅުކަމަށް 1،016 ހައްޖާޖީންނާއެކު ދަތުރުކުރި ޚާއްސަ ހަތަރު ފްލައިޓް ހިމެނެ އެވެ.
ދިވެހި ހައްޖާޖީންނާއި އުމްރާވެރިންގެ މެދުގައި މޯލްޑިވިއަން އަށް އޮތް މަގުބޫލުކަން އިތުރުވަމުންދާ މައިގަނޑު ސަބަބަކީ އަމިއްލަ ގައުމީ އެއާލައިންގައި ދަތުރުކުރުމުން ފަސިންޖަރުންނަށް ލިބޭ ހިތްހަމަޖެހުމާއި ގާތްކަމެވެ. ހާއްސަކޮށް ދިވެހި މުވައްޒަފުންގެ ފަރާތުން ފެންނަ އޯގާތެރިކަމާއި، ގްރޫޕް ދަތުރުތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ހިދުމަތްތަކުގެ ސަބަބުން، ދަތުރުވެރިންނަށް ބޮޑު ލުޔެއް ލިބިގެންދެ އެވެ.
މޯލްޑިވިއަން އިން ބުނީ އެ އެއާލައިންގެ އަމާޒަކީ ދަތުރުވެރިންނަށް ރައްކާތެރި، އިތުބާރު ހުރި އަދި ގަޑިއަށް ފަރުވާތެރި އޮޕަރޭޝަނެއް ފޯރުކޮށްދިނުން ކަމަށެވެ. ހައްޖު އަދި އުމްރާ ފަދަ މުހިންމު ދަތުރުތަކުގައި ސީދާ ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީ ހައްޖު ކޯޕަރޭޝަނާއި އެހެނިހެން ޖަމާއަތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.
މުޖުތަމައަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މޯލްޑިވިއަން އަބަދުވެސް ދެމިއޮންނާނެ ކަމަށާއި، ފަސިންޖަރުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އިތުބާރު ބަލައިގަންނަ ކަމަށް ވެސް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.
1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން މައްކާއަށް
ހިމަބިހި ފެތުރޭއިރު ސަމާލު ވާންވީ ކަންތައްތައް!
ހިމަބިއްސަށް އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެ