90 ގެ އަހަރުތަކުގައި ބޮޑު މަގްބޫލު ކަމެއް ހޯދި މަޝްހޫރު ފިލްމު "ބީވީ ނަންބަރު 1"ގެ ލަވަ "ޗުނަރީ ޗުނަރީ" އާ ގޮތަކަށް ރީމޭކް ކޮށްގެން ނެރުމުން، ބެލުންތެރިންނާއި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ މެދުގައި ބޮޑު މާޔޫސްކަމެއް އުފެދިއްޖެ އެވެ.
މި ރީމޭކް ގެނެސްދީފައިވަނީ ވަރުން ދަވަން، މްރިނާލް ޓާކޫރު އަދި ޕޫޖާ ހެގްޅޭ އެކުގައި ފެނިގެންދާ އާ ފިލްމު "ހޭއި ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ" ގެ ބައެއްގެ ގޮތުގައެވެ.
ލަވަ ރިލީޒްވުމާއެކު އެކްސް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމް ތަކުގައި ފޭނުން ދަނީ އެމީހުންގެ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި ސަލްމާން ހާން އަދި ސުޝްމިތާ ސެންގެ ފުރިހަމަ ކެމިސްޓްރީއާއި، އަނޫ މަލިކްގެ ރީތި މިއުޒިކް މި އާ ރީމޭކުން މުޅިން "ހަލާކު" ކޮށްލައިފި އެވެ.
"ޒަމާނީ ގޮތަށް ރީމޭކް ކުރުމުގެ ނަމުގައި ބޮލީވުޑުން މިހާރު ކުރާ ކަމަކީ ރީތި ކްލެސިކް ލަވަތަކުގެ އަސްލު ނައްތާލުން. ވަރުން ދަވަން ކިތަންމެ ވަރަކަށް ނެށިޔަސް، ސަލްމާންގެ އެ ހިތްގައިމުކަމެއް މި ލަވައަކުން ނުފެނުނު،" ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވެ އެވެ.
އާއްމުންގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒު ވެފައިވަނީ ލަވައިގެ އާ މިއުޒިކް އެރޭންޖްމަންޓަށާއި ކޮރިއޮގްރަފީ އަށެވެ. ވަރުން ދަވަން އަކީ މޮޅު ނެށުންތެރިއެއް ނަމަވެސް މި ލަވައިގެ ސްޓެޕްތައް މާ ބޮޑަށް "އޯވާ" ކަމަށް ބެލުންތެރިން ފާހަގަކުރެ އެވެ.
އެއާއެކު މްރިނާލް އާއި ޕޫޖާގެ ގްލޭމަރަސް ލުކްސް ފިޔަވައި، ލަވައިގެ އަސްލު ރޫހު ގެނެސްދޭން އެމީހުންނަށް ނުކުޅެދުނު ކަމަށް ކްރިޓިކުން ވެސް ބުނެ އެވެ.
ބޮލީވުޑްގައި މިހާރަކަށް އައިސް ބީޓްސް އިތުރުކޮށް، އޮޓޯ-ޓިއުން ބޭނުން ކޮށްގެން ރީމޭކްތައް ހެދުމުގެ ޓްރެންޑާމެދު އާއްމުން ތިބީ ވަރަށް ބޮޑަށް ފޫހިވެފަ އެވެ.
ޑޭވިޑް ދަވަން ޑައިރެކްޓްކުރާ ކޮމެޑީ ފިލްމް "ހޭއި ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ" އަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ފިލްމެކެވެ. ބެލުންތެރިން މިހާރު އުންމީދު ކުރަމުންދަނީ ފިލްމުގެ ވާހަކަ ލަވައަށްވުރެ ރަނގަޅުވާނެ ކަމަށެވެ.
އެމެރިކާއިން އަނެއްކާވެސް އީރާނަށް ހަމަލާދީފި
52 ވަނަ އެމެރިކަން މިއުޒިކް އެވޯޑްސް ބާއްވައިފި
އީދު ބޮނޑިބަތުގެ ސަގާފަތް ފެށިގެން އައީ ކިހިނެއް؟