ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރުން ދަވަން އޭނާގެ ޒާތީ ހައްގުތައް ނުވަތަ "ޕާސަނަލިޓީ ރައިޓްސް" ހިމާޔަތް ކުރުމަށް އެދި ދިއްލީ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އިންޓަނެޓާއި ޑިޖިޓަލް ދުނިޔޭގައި ސެލެބްރިޓީންގެ ހުއްދައެއް ނެތި އެމީހުންގެ ނަމާއި ފޮޓޯ ބޭނުން ކުރުން އިތުރު ވަމުންދާތީ، ގާނޫނީ ފިޔަވަޅު އަޅަމުންދާ ތަރިންގެ ލިސްޓަށް މިހާރު ވަރުން ވެސް މިވަނީ އިތުރުވެފަ އެވެ.
މި މައްސަލައިގެ އަޑުއެހުމެއްގައި ދިއްލީ ހައިކޯޓުން ވަނީ ވަރުން ދަވަންގެ ނަމާއި، ތަސްވީރު، އަޑު އަދި އޭނާގެ ސިފަތައް ހުއްދަނެތި އެކި އޮންލައިން ޕްލެޓްފޯމް ތަކުގައި ބޭނުން ކުރުން ހުއްޓުވުމަށްޓަކައި ވަގުތީ ރައްކާތެރިކަމުގެ އަމުރެއް ނެރެދިނުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފަ އެވެ.
ވަރުން މި މައްސަލަ ހުށަހަޅާފައިވަނީ އޭނާގެ ހުއްދައެއް ނެތި އޭނާގެ ނަމާއި ފޮޓޯ އަދި ވީޑިއޯ ވިޔަފާރީގެ ބޭނުމަށް ބޭނުން ކުރަމުންދާ ފަރާތްތަކާ ދެކޮޅަށެވެ.
މި ދުވަސްވަރަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން ހަދާ "ޑީޕްފޭކް" ވީޑިއޯތަކާއި، ސެލެބްރިޓީންގެ އަޑު ކޮޕީ ކޮށްގެން ހަދާ ފޭކް އިޝްތިހާރުތައް އިންތިހާއަށް އިތުރު ވެފައިވާ ދުވަސްވަރެކެވެ.
ވަރުންގެ ކުރިން ބޮލީވުޑްގެ ބޮޑެތި ތަރިން ކަމަށްވާ ސަލްމާން ޚާން، އައިޝްވަރިޔާ ރާއީ ބައްޗަން، ކާޖޮލް، އަބީޝެކް ބައްޗަން، ވިވޭކް އޮބެރޯއީ އަދި ސައުތު ސިނަމާގެ ތަރި އައްލޫ އަރުޖުން ވެސް ވަނީ ކޯޓު މެދުވެރިކޮށް މިފަދަ ހިމާޔަތް ހޯދާފަ އެވެ.
ފިލްމީ ދާއިރާއަށް ބަލާއިރު ވަރުން މިހާރު ތައްޔާރު ވަމުންދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ރިލީޒް ކުރުމަށެވެ. މި ފިލްމުގައި އޭނާއާއެކު ފެންނާނީ ޕޫޖާ ހެގްޅޭ އަދި މުރްނާލް ތާކުރް އެވެ.
މަޖިލީހުގެ ނައިބު ރައީސަކު އިންތިހާބު ކުރުން މާދަމާއަށް
"ނާގިން 7"ގެ ގްރޭންޑް ފިނާލޭ އަންނަނީ!