ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް އަމާޒުވާ އައިޝާ ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދާ ދެކޮޅަށް އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ މައްސަލަ ކުރިއަށްގެންދާ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.
އާންމުންނަށް ބަންދުކޮށްގެން ސިއްރުކޮށްގެން ކުރިއަށްގެންދާ މި ޝަރީއަތުގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައި ވަނީ ޖޫން 8 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ގަ އެވެ. ހަސަންގެ އިތުރުން މި މައްސަލައިގައި ދައުވާ ލިބޭ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒްގެ ޝަރީއަތް ވެސް ހިނގަމުން ދާނީ ހަމަ އެ ވަގުތުގަ އެވެ.
ގާނޫނީ މި ފިޔަވަޅުތައް އަދަދު ނޫހާ ދެކޮޅަށް ހަލުވިކަމާއެކު ކުރިއަށް ދިޔައީ "އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލަ ބަލަން ފެށިތާ އެންމެ 14 ދުވަސް ތެރޭގަ އެވެ. މި މައްސަލަ ތަހުގީގުކުރަން އެންގީ، އެ ތުހުމަތުތަކާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އަދަދު ނޫހުން ރައީސް މުއިއްޒާ އެކަމާ ސުވާލު ކުރުމުންނެވެ.
އެ ސުވާލުކުރި ރޭ ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ނޫސްވެރިކަމުގެ މަސައްކަތްތަކަށް ބޭނުންކުރާ ލެޕްޓޮޕްތަކާއި ހާޑް ޑިސްކު ހިމެނޭހެން 20 އިލެކްޓްރޯނިކް ޑިވައިސް ހިފަހައްޓާފަ އެވެ. އަދި ޖެހިގެން އައި ދުވަހު ފިޔާޒާއި ހަސަންގެ ޕާސްޕޯޓް ހިފަހައްޓައި ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް ފަހު، ސުވާލުކުރުމަށް ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. އަދި މި މައްސަލައިގައި ހިމެނޭ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފް ވެސް ފުލުހަށް ހާޒިރުކޮށް، ފުރުން މަނާކުރި އެވެ.
މި މައްސަލައިގެ ތެރެއިން އެ ނޫހުގެ އެހެން ނޫސްވެރިންނަށް ވެސް ވަނީ ޖަލު ގޮޅިއާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން ރައީސް އޮފީހުގެ ޕްރެސްއެއްގައި ރައީސާ އެ ސުވާލުކުރި އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލި އެވެ. އަދި އެމަނިކުފާނަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ދެއްކުން ކޯޓު އަމުރަކުން މަނާކުރި ޚަބަރު ލިޔުމާ ގުޅިގެން، އެ ނޫހުގެ ލީވާން އަލީ ނާސިރު ވެސް 10 ދުވަހުގެ މުއްދަތަށް ޖަލަށްލި އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމްގެ ނަން
ކަލްނާޔަކް ރިޓާންސް: 30 އަހަރަށްފަހު ޖެކީއާއި ސަންޖޭ އެކީގައި!