އިޒްރޭލުން އިރުމަތީ ޕަލަސްތީނުގެ ގުދުސްގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުށްވެރިކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީއިން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ، އިރުމަތީ ގުދުސްގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ޕަލަސްތީނު ރައްޔިތުންނަށް ދެމުންދާ އަނިޔާއާ ދެކޮޅަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަދި ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރުންނާއި ދެ ޕާޓީގެ ކައުންސިލު މެންބަރުންނާއި އާންމު މެންބަރުން އެކީގައި އަޑުއުފުލާ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނީ، އިސްލާމްދީނުގެ ތިންވަނަ ހަރަމްފުޅުގައި އިސްލާމީ އަޅުކަމުގެ މޫސުން ކަމުގައިވާ ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި މަސްޖިދުލް އަގުސާގައި، އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ހިންގާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑު ސިހުމެއް ލިބިފައިވާކަމަށާއި، ހަރުކަށި އިބާރާތުން އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރާ ކަމަށެވެ.
އިއްޔެއިން ފެށިގެން އިޒްރޭލު ސިފައިން ގެންދަނީ އިރުމަތީ ގުދުސްގެ ބައެއް ސަރަހައްދުތަކުގައި ގުދުސްގެ ރައްޔިތުން އެމީހުންގެ ގެދޮރުން ބޭރުކޮށް އެ ބިންތަކުގައި ޔަހޫދީންގެ އާބާދު ކުރަމުންނެވެ. އިދިކޮޅުގެ ބަޔާނުގައި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް މީހުން އާބާދުކުރުމަށް އިޒްރޭލުން ކުރާ މަސައްކަތާ ދެކޮޅަށް މުޅި ދުނިޔެ ތެދުވާން ޖެހޭ ކަމަށެވެ.
މިނިވަން ދައުލަތެއްގެ ގޮތުގައި ޕަލަސްތީނު އޮންނަންޖެހޭނެ ކަމަށް އިދިކޮޅު ދެ ޕާޓީން ފުރިހަމައަށް ޤަބޫލުކުރާ ކަމަށާއި، އަބަދުވެސް އިދިކޮޅު އިއްތިހާދު އޮންނާނީ ފަލަސްޠީނު ރައްޔިތުންނާއެކުގައި ކަމަށް ބަޔާނުގައި އިިތުރަށް ބުންޏެވެ.