ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވެރިކަންކުރާ ޕީއެންސީން ރިޝްވަތުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ބެހި ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުނެފި އެވެ.

ހިތަދޫން "ހުރިހާ"އާ ވާހަކަދެއްކި ބައެއް މީހުން ކިޔައިދިންގޮތުގައި ރިޝްވަތުގެ ފައިސާ ބެހީ ފާޅުގައި ކަމަށެވެ.

"އަޅުގަނޑު ދެކުނިން މިނިސްޓަރަކު ކާރެއްގައި ފައިސާ ބަހަމުން ދިޔަތަން. އެބޭފުޅުން ފައިސާ ބަހަމުންދިޔައީ ފާޅުގައި،" ހިތަދޫން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.

ކެމްޕޭންގެ ތެރޭގައި ފާޅުގައި އެތައް މިލިއަން ރުފިޔާއެއް ވަނީ ބަހައިފައެވެ. އަދި ފައިސާ ބެހުމުގެ އިތުރުން، އިންތިހާބުގައި ވޯޓުލާން ނުދިޔުމަށް ޝަރުތުކޮށް ބައެއް ރައްޔިތުންގެ އައިޑީކާޑުތައް ވެސް ގަނެފައިވާ ކަމަށް ބައެއް މީހުން ކިޔައިދިނެވެ.

މީގެއިތުރުން ހައްޖު ކިޔު ފަޅާލުމަށްފަހު ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ ބައެއް މީހުންނަށް އަންނަ އަހަރު ހައްޖުގެ އަޅުމަކަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދޭން ވެސް ނިންމި އެވެ.

ތިޚާބުގެ ނަތީޖާއާ ގުޅިގެން ޕީއެންސީން ބަލި ގަބޫލުކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ ޕާޓީން ބުނަމުން އަންނަނީ މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި، ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ކެމްޕޭން މެނޭޖަރު އަދި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، އެ ދާއިރާގައި ބެހެއްޓުނު ވޯޓު ފޮށިތަކުން ޕީއެންސީއަށް މެޖޯރިޓީ ލިބުމަކީ، އެ ދާއިރާގައި ވަރަށް މުހިންމު އަދި ގިނަގުނަ މަސައްކަތްތަކެއް ކުރެވުނުކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ.

އިންތިޚާބުގެ ނަތީޖާއަކީ އާ ފެށުމެއްގެ ގޮތުގައި ސިފަކުރައްވައި، ރާފިއު ވިދާޅުވީ ހިތަދޫގެ ލާބަޔާއި މަންފާއަށް ޓަކައި ސަރުކާރުން ކުރާ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކުރާނެ ކަމަށެވެ. މީގެ އިތުރުން، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، ހިތަދޫގައި ބެހެއްޓި ވޯޓުފޮށިތަކުން ލިބުނު ބޮޑު ކާމިޔާބީއާ އެކު، 2028 ވަނަ އަހަރު އަންނަންވާއިރަށް ހިތަދޫ އުތުރު ދާއިރާއަކީ ޕީއެންސީގެ ވަރުގަދަ ކިއްލާއަކަށް ހަދާނެ ކަމަށެވެ.

ޕީއެންސީން އެ ދާއިރާއަށް ވާދަކުރެއްވި އަހްމަދު ސައީދު ބަލިކޮށް އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އެވެ.