ކާބުލް (08 މެއި)- އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގެ ސްކޫލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކެއްގައި 40 މީހުން މަރުވެ ގިނަ ބަޔަކު ޒަހަމް ވެއްޖެ އެވެ.

ހޮނިހިރު ދުވަހު ގިނަ ގޮވުންތަކަކާއެކު ދިން މި ހަމަލާގައި ގިނައިން ޒަހަމް ވެފައިވަނީ ސައީދުލް ޝަހާދާ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުން ކަމަށް އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

މި ގޮވުންތައް ގޮވާފައިވަނީ ޝީއީންގެ އާބާދީ ބޮޑު ހުޅަނގު ކާބުލްގަ އެވެ. މި ސަރަހައްދަކީ ފާއިތުވި ދިޔަ އަހަރުތަކުގެ ތެރޭގައި އައިސިސްގެ ގިނަ ހަމަލާތަކެއް އަމާޒު ވެފައިވާ ސަރަހައްދެކެވެ.

މިހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވާއިރު ކާބުލްގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ތާލިބާނުން ވަނީ އެ ޖަމާއަތުގެ ބައިވެރިވުމެއް މި ހަމަލާގައި ނެތް ކަމަށް ބުނެ އެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

މި ހަމަލާތަކުގެ ފަހަތުގައި ވަނީ ކޮން މަގްސަދެއް ކަމެއް އަދި އޮޅުންފިލާފައި ނުވާއިރު ކާބުލްގެ އިދާރާތަކުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކާބުލްގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިން މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 11ގެ ކުރިން އެގައުމުގެ ފައިބާނެ ކަމަށް ވޮޝިންގްޓަން އިން އިއުލާން ކުރުމާއެކު އެ ގައުމުގެ ސެކިއުރިޓީ ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ. -- އަލް އަރަބިއްޔާ