އެމެރިކާގެ މަޝްހޫރު ކާޓޫން ސިލްސިލާ "ދަ ސިމްޕްސަންސް"އަކީ ދުނިޔޭގައި ހިނގާ ބޮޑެތި ހާދިސާތައް (ޑޮނަލްޑް ޓްރަމްޕްގެ ރައީސްކަމާއި، ލިޒާ ސިމްޕްސަން ކަމަލާ ހަރިސްގެ ހެދުމާ ދިމާވުން ފަދަ ކަންކަން) މާ ކުރިން "ދިމާކުރާ" ކަމަށް ބުނެ މަގުބޫލު ވެފައިވާ ޝޯއެކެވެ.

މިއަހަރުގެ ފީފާ ވޯލްޑް ކަޕް 2026އާ ދިމާކޮށް، ސޯޝަލް މީޑިއާގައި މިހާރު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ، މިއަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ބައްދަލު ކުރާނީ މެކްސިކޯ އާއި ޕޯޗުގަލް ކަމަށް ސިމްޕްސަންސް އިން މީގެ 29 އަހަރު ކުރިން ބުނެފައިވާ ކަމަށް ބުނާ ވާހަކަ އެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ ސްކްރީން ޝޮޓެއްގައި ފެންނަނީ، ސިމްޕްސަންސްގެ ކާޓޫން ކެރެކްޓަރުންތަކެއް ސްޓޭޑިއަމެއްގައި ތިއްބަ އެވެ. އަދި އެއީ މެކްސިކޯ އާއި ޕޯޗުގަލް ބައްދަލުކުރާ މެޗެއްކަން ދޭހަވާ ގޮތަށް ލިޔުންތައް ހުއްޓެވެ. ފޭނުން ބުނާގޮތުގައި، 2026 ގެ ވޯލްޑް ކަޕް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާއިރު، މި ފައިނަލް މެޗަކީ ސިމްޕްސަންސްގެ އާ "ޕްރޮފެސީ" އެކެވެ.

ނަމަވެސް، ފެކްޓް ޗެކްތަކުންނާއި މީޑިއާ ރިޕޯޓްތަކުން އެނގޭގޮތުގައި މިއީ ކަނޑައެޅިގެން ދޮގު ހަބަރެކެވެ.

ސޯޝަލް މީޑިއާގައި މި ބޭނުންކުރާ މަންޒަރަކީ 1997 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދެއްކި ސިމްޕްސަންސްގެ ސީޒަން 9 ގެ 6 ވަނަ އެޕިސޯޑު ކަމަށްވާ "ދަ ކާޓްރިޖް ފެމިލީ" އިން ނަގާފައިވާ މަންޒަރެކެވެ.

އެޕިސޯޑުގައި ދައްކަނީ ސިމްޕްސަންސްގެ އާއިލާއިން ޓީވީ ބަލަން ތިއްބާ އަންނަ އިޝްތިހާރެކެވެ. އެއީ ދުނިޔޭގެ އެންމެ މޮޅު ގައުމަކީ ކޮބައިކަން (މެކްސިކޯ ނުވަތަ ޕޯޗުގަލްތޯ) ކަނޑައެޅުމަށްޓަކައި، އެމީހުން ދިރިއުޅޭ "ސްޕްރިންގްފީލްޑް" ސްޓޭޑިއަމްގައި ކުޅޭ ފުޓްބޯޅަ މެޗެއްގެ އިޝްތިހާރެކެވެ. އެއީ ފީފާ ވޯލްޑް ކަޕެއް ނޫނެވެ.

އެއާއެކު އެޕިސޯޑުގެ އެއްވެސް ތަނެއްގައި "2026" ވަނަ އަހަރު ބަޔާން ކޮށްފައެއް ނުވެ އެވެ. އެ އަހަރަކީ ފަހުން އިންޓަނެޓް ބޭނުންކުރާ މީހުން އަމިއްލައަށް އިތުރުކުރި އަހަރެކެވެ.

އެއީ މުބާރާތެއްގެ ފައިނަލް މެޗެއްގެ ގޮތުގައި ދެއްކި މަންޒަރެއް ވެސް ނޫނެވެ. އަދި ކާޓޫނުގައި އެ މެޗު ނިމެނީ ދެ ޓީމު އެއްވަރުވެ، ބެލުންތެރިން ފޫހިވެގެން ސްޓޭޑިއަމްގައި ބޮޑު ހަމަނުޖެހުމެއް ހިންގާ ހިސާބުންނެވެ. އެއްވެސް ޓީމަކަށް ތަށި ލިބޭ މަންޒަރެއް ނުދައްކަ އެވެ.

މިއީ މި ސްކްރީންޝޮޓް ވައިރަލްވި ފުރަތަމަ ފަހަރެއް ނޫނެވެ. އިންޓަނެޓްގެ "މީމް" ސަގާފަތް ހުންނަ ގޮތުން، 2018 ވަނަ އަހަރުގެ ރަޝިއާ ވޯލްޑް ކަޕް އަދި 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕާ ދިމާކޮށްވެސް، ހަމަ މި ސްކްރީންޝޮޓް ބޭނުން ކޮށްގެން ސިމްޕްސަންސް އިން ފައިނަލް ދިމާކޮށްފި ކަމަށް ބުނެ ޕޯސްޓްތައް ހަދާފައިވެ އެވެ.

ޝޯގެ ޕްރޮޑިއުސަރު ބިލް އޯކްލީ ކުރިން ބުނެފައިވާ ގޮތުގައި ދަ ސިމްޕްސަންސް އިން ހަގީގަތުގައި ކަންކަން ދިމާކުރަނީއެއް ނޫނެވެ. އެއީ ހަމައެކަނި އިއްތިފާގެއް ކަމަށް އޭނާ ބުންޏެވެ.