ދިވެހި މަސްވެރިންގެ އަދަދު މަދުވުމާ ގުޅޭ ގޮތުން ނޫސްވެރިއެއްގެ ސުވާލު އަމާޒުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިމިދިޔަ އެމްޑީޕީ ސަރުކާރު ގޯސްކުރައްވައިފި އެވެ.
ދަ ޕަލްސް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު އެއް ތަނބު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތުން ޒުވާނުން ދުރުވީ، ކުރީ ސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި ދައުލަތުގެ ކުންފުނިތަކަށް، ހާއްސަކޮށް ފެނަކައަށް، ބޭނުންވާ ވަރަށްވުރެ އިތުރަށް މީހުން ވެއްދުމުގެ ސަބަބުން ކަމަށެވެ. އަދި މަސްވެރިކަމުގެ އިންޑަސްޓްރީގައި ހީވާގިކަމާއެކު އުޅުނު އެތައް ހާސް ޒުވާނުންނަކަށް ރަށުގައި ތިބެގެން ފަސޭހައިން އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމުން، ގިނަ ބަޔަކު އެ ގޮތް ޚިޔާރުކުރި ކަމަށާއި، އޭގެ ނޭދެވޭ އަސަރު ސިނާއަތަށް ކޮށްގެން މަސްވެރިން ނުލިބިގެން ބައެއް މީހުން ދޯނިތައް ވިއްކާލަންޖެހޭ ހިސާބަށް ކަންކަން ދިޔަކަން ރައީސް ފާހަގަކުރެއްވި އެވެ.
އެހެންކަމުން މި ސަރުކާރުގެ އަމާޒަކީ ދައުލަތުގެ އިގްތިސާދީ ސިޔާސަތުތައް ހަމަމަގަށް އަޅުވައި، ކުންފުނިތަކަށް އެކަށީގެންވާ ވަރަށް މުވައްޒަފުން ބޭތިއްބުމަށްފަހު، އިސްރާފު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް އެޅުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުތައް މުރާޖައާކުރަމުން ދަނީ މުޅި އިގްތިސާދަށް އޭގެ ފައިދާ ކުރާނެތީ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އެކި އިދާރާތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާއިރު، އޭގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާގެ މީހުން ހިމެނޭތީ، މާލީ ހާލަތަށް ރިއާޔަތްކޮށް ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އެ ސިނާއަތުން މަސްވެރިން މަދުވަމުންދާ ހަގީގީ ސަބަބުތައް ދެނެގަތުމަކީ މުހިންމު ކަމަށެވެ. އެހެންކަމުން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއަށް ހާއްސަ ސައިންޓިފިކް ސާވޭއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ސިއްހަތަށް ގެއްލުންހުރި ކާނާއަށް ދެވިހިފާ މީހުން އިތުރު ވަނީ!
ޓްރެފިކް ބެލެހެއްޓުމުގެ ނަމުގައި މާލޭގެ މަގުތައް ބަންދުކުރަނީ
މެކްސިކޯ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް