އަދިވެސް ހިދުމަތް ނުފަށާ ޑިވެލޮޕްމަންޓް ބޭންކު މާކެޓުކުރާނެ ވެރިޔަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިޔަކަށް ވާނެ ކަމަށް ބެލެވޭ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ އޮޕަރޭޝަންތައް ފެށުމުގެ ތައްޔާރީތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ބޭންކުގެ ބްރޭންޑް ކުރިއަރުވައި މާކެޓިން ކެމްޕެއިންތައް ރާވައި ހިންގާނެ މާކެޓިން ވެރިޔަކު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން ހުޅުވާލާފައިވާ މި މަގާމަށް އައްޔަންކުރެވޭ ފަރާތަކުން ސޯޝަލް މީޑިއާއާއި ވެބްސައިޓް އަދާހަމަކުރުމުގެ އިތުރުން، މީޑިއާއާ ގުޅުން ބަދަހިކޮށް ބޭންކުގެ ތަސައްވުރު އާންމުންނާ ހަމައަށް ގެނެސްދޭން ޖެހޭނެ އެވެ.
މި މަގާމުގެ މުސާރައެއްގެ ގޮތުގައި ތައުލީމާއި ތަޖުރިބާއަށް ބަލައި 20،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައަޅާފައި ވާއިރު، ކުރިމަތިލުމުގެ ސުންގަޑިއަކީ ކުރިއަށް އޮތް އާދީއްތަ ދުވަހުގެ އިރުއޮއްސި ހައެއް ޖަހާއިރެވެ.
މި ބޭންކު ހަރުދަނާ އޮނިގަނޑެއްގެ ދަށުން ހިންގުމަށްޓަކައި 10 މެނޭޖަރުން ހިމެނޭހެން 13 މަގާމަކަށް މީގެ ކުރިން ވެސް ވަނީ މުވައްޒަފުން ހޯދަން އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި އޮޑިޓް، ލީގަލް، ފައިނޭންސް އަދި ރިސްކް މެނޭޖަރުން ހިމެނޭއިރު، އެ މަގާމުތަކުގެ މުސާރަ އުޅެނީ 35،000 އާއި 45،000 ރުފިޔާއާ ދެމެދުގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ދަށުން ނޮވެންބަރު 16، 2024 ގައި އެސްޓީއޯ އެލައިޑް ބިލްޑިންގުގައި މި ބޭންކު ރަސްމީކޮށް އިފުތިތާހުކޮށް، މަހަކު 75،000 އަށްވުރެ ގިނަ ރުފިޔާ ކުލީގެ ގޮތުގައި ދައްކަމުންދާއިރު، އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ދައްކާ ގޮތުގައި ފުރަތަމަ އަހަރު ބޭންކަށް ވަނީ 2.3 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާންޖެހިފަ އެވެ.
ހަމައެއާއެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ބޭންކުގެ މަސައްކަތްތައް ފެށޭނެ ކަމުގެ އުންމީދު މީގެ ކުރިން ދެއްވި ނަމަވެސް، ހިދުމަތްތައް ރަސްމީކޮށް ފެށޭނެ ސީދާ ތާރީހެއް އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
ވިނީޝިއަސްގެ ދެ ގޯލާއެކު ބްރެޒިލް ދެވަނަ ބުރަށް
ބީއެމްއެލް އިން އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި
ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ދެ މަސް ބޯޓެއް