ކޮވިޑް-19 ފެތުރުން އިތުރުވެ ހާލަތު ގޯސްވެފައިވާތީ، ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް އިތުރު އެހީތެރިން ބޭނުންވާ ކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދު ގިނަވެފައި، އައިސީޔޫގައި ފަރުވާ ހޯދާ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީއަށަ އިތުރު ނަރުހުނާއި ސިއްހީ އެހީތެރިން ބޭނުންވާ ކަމަށެވެ. އަދި މިކަމުގައި ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ވެސް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ ފަހަތަށް ޖެހެންވީ ވަގުތު ނޫން ކަމަށާއި ގަދައަޅައި މަސައްކަތް ކޮށްފި ނަމަ މިބަލިމަޑުކަމުން އިރާދަކުރެއްވިއްޔާ އަރައިގަނެވޭނެ ކަމަށެވެ. މި ދަނޑިވަޅުގައި ހާއްސަ ސަމާލުކަމެއް ދޭންވީ ހަތަރު ކަމެއް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

އެގޮތުން އެކަކު އަނެކެއްގެ ހާލު ބަލާ އޯގާތެރިވުމަށާއި، ބަލީގެ އަލާމާތްތައް ފެންނަ ނަމަ ފަރުވާ ހޯދުމަށާއި، އޯއާރުއެސް، އަދި ކުރުނބާ ފަދަ ދިޔާ ތަކެތި ބޭނުންކުރުމުގެ އިތުރުން މިކަމާ މެދު ހާސްވެ، ކަންބޮޑު ނުވުމަށް ޑރ.މުހައްމަދު އަލީ އިލްތިމާސް ކުރެއްވި އެވެ.

މި ބަލީގައި މިހާރު ވެސް 250 މީހަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން އިއްޔެ ވެސް ޕޮޒިޓިވްވި 1،091 މީހުންގެ ތެރެއިން 933 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން 147 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން ހަ މީހަކާއި، ސަފާރީތަކުން ތިން މީހަކާއި، ރިސޯޓް ތަރައްގީ ކުރަމުންދާ ރަށްތަކުން ދެ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.