ގދ. ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާއާ އެކު ހެދި އެއްބަސްވުން ސަރުކާރުން އުވައިލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެތަން ވިލާ އެއާ އަށް އަނބުރާ ދޭން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ސަރުކާރު ކޯލިިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏަށް 2013 ގައި ކާޑެއްދޫ އެއާޕޯޓް ހިންގަން 50 އަހަރަށް ދީފައި ވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގައި ސަރުކާރުން އެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގަމުންދާ ކަމަށް ބުނެ އެވެ.

އެއްބަސްވުން ބާތިލްކުރުމުން ވިލާ އެއާއިން ވަނީ ސިވިލް ކޯޓުގައި ވަނީ ދަައުވާކޮށްފަ އެވެ. ސިވިލް ކޯޓުން އެ ދައުވާ ނިންމީ ގާސިމްއާ އެއްކޮޅަށެވެ. ސިވިލް ކޯޓުގެ ހުކުމް ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް ހައި ކޯޓުން ވެސް ދެމެހެއްޓީ ސިވިލް ކޯޓުގެ ހުކުމެވެ. ހައި ކޯޓުގެ ހުކުމުގައި އިތުރަށް ބުނީ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ވިލާ އެއާ އަށް ލިބިގެންވާ ކަމަށެވެ.

ހަައި ކޯޓުގެ ހުކުމް ވެސް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައިގެ މިއަދު ކުރި ހުކުމުގައި ވަނީ ކާޑެއްދޫ އެއާޕޯޓާ ގުޅޭ ބައެއް ކަންކަން އިސްލާހު ކުރަން ވިލާ އެއާ އަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ފުރުސަތު ދީފައި ވިޔަސް، އެއާޕޯޓް ހިންގުން ހުއްޓާލަން އެ އޮތޯރިޓީން އަންގާފައި ނުވާ ކަމަށެވެ. އެ އިންސްޕެކްޝަން ހެދިި ފަހުން ވެސް އެއާޕޯޓް ހިންގުމުގެ ލައިސަންސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އާ ކޮށްދީފައިވާ ކަމަށެވެ.

ހުކުމުގައިވަނީ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާ ހިލާފަށް ކާޑެއްދޫ ހިންގިިކަން ސާބިތު ކުރަން މޯލްޑިވިއަން ކުންފުނީގެ އެސެސްމަންޓް ރިޕޯޓެއް ދައުލަތުން ހުށަހެޅިޔަސް، އެ ރިޕޯޓަށް ބިނާކޮށް އެއްވެސް ކަމެއް ސާބިތުވެފައި ނުވާ ކަމަށެވެ.

މޯލްޑިވިއަން އަކީ ވިލާ އެއާގެ ވާދަވެރިއަކަށް ވާތީ، އެ ރިޕޯޓް ބަލައިގަންނަން ވިލާ އެއާ އިން ދެކޮޅު ހަދާއިރު އަދި އެ ރިޕޯޓު ހެދި ބަޔަކު ކޯޓަށް ހާޒިރުކޮށް، އެ ރިޕޯޓާ ބެހޭގޮތުން ސުވާލު ކޮށްފައި ނުވާތީ އެ ރިޕޯޓަކީ ކަމެއް ސާބިތު ކުރުމަށް ފުދޭ ލިޔުމެއް ނޫން ކަމަށްވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

ރިޕޯޓް ހެދި ފަހުން ވެސް މޯލްޑިވިއަންގެ ބޯޓުތައް ކާޑެއްދު އަށް ދަތުރު ކުރަމުން ގޮސްފައިވާތީ، އެ ރިޕޯޓްގައި ފާހަގަކުރާ ކަންކަމުގެ ސީރިއަސް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އޭގެެ ފަހުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ކާޑެއްދޫ ހިންގަން ހުއްދަ ދީފައި އޮތުމުން ވިލާ އެއާ އިން އެއްބަސްވުމާ ހިލާފު ވެފައިވާ ކަމާ މެދު ސުވާލު އުފެދޭ ކަމަށާއި އެކަން އިތުރަށް ސާބިތުކުރަން ދައުލަތުން މަސައްކަތް ކޮށްފައި ނެތް ކަމަށް ހުކުމުގައިވެ އެވެ.

އާދައިގެ ކަންކަން އިސްލާހު ކުރަން އެންގުމަކީ އެއްބަސްވުމެއް ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ބުނެފައިވެ އެވެ.އެހެންކަމުން ސިވިލް ކޯޓާއި ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުުން ހުކުމްކުރީ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.