ރާއްޖޭގެ އަމަންއަމާންކަން ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ފުލުހުންގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން ފުލުހުން ދެމުންގެންދާ ހިދުމަތްތަކަކީ މާނަހުރި ދާއިމީ ބަދަލުތަކެއް ގެނުވާ ކަންތައްތަކެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ރާއްޖޭގައި އެތައް އަހަރެއް ވަންދެން މޫލަމުން ގޮސްފައިވާ ނުރަނގަޅު އާދަތަކަކުން ގައުމު ސަލާމަތްކުރުމަށް ފުލުހުންގެ މުއައްސަސާއިން ކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، އެ ކާމިޔާބީތަކާ މެދު އުފާކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ދިނުމަށް މިހާރު އޮތް ފުލުހުންގެ ގާނޫނުގެ ސަބަބުން ބައެއް ހުރަސްތައް ކުރިމަތިވާކަމަށް ރައީސް ވިދާޅުވި އެވެ. މިކަން ހައްލުކުރުމަށްޓަކައި، ފުލުހުންގެ މުއައްސަސާއިން ދިރާސާކުރުމަށްފަހު ގާނޫނަށް ގެންނަން ހުށަހަޅާ ކޮންމެ ބަދަލަކަށް ސަރުކާރުން އިޖާބަދީ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފަ އެވެ. ގާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލުމުގެ އިތުރުން، ފުލުހުންގެ މުއައްސަސާއަށް ކުރިމަތިވެފައިވާ އެހެނިހެން ދަތިތައް ހައްލުކުރުމަށްވެސް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ފުލުހުންގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވެސް މީގެ ތެރޭގައި އަޅުގަނޑު ފާހަގަކުރަން، މި ގާނޫނު ބައްޓަން ވެފައި މި އޮތް ގޮތަށް ބަލާއިރުގައި މިދެންނެވި ފެންވަރުގައި މި ދެންނެވި ގޮތަށް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ދިނުމަށް ހުރި ހުރަސްތައް އެބަހުރި. އެއީ ހަގީގަތް،" ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ގޮތަށް ދާނަމަ، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަކީ އަމާން އަދި ރައްކާތެރި މުޖުތަމައުއަކަށް ވެގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ހޯދައިދިނުމަށާއި އެކިއެކި ދާއިރާތަކުން ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.