މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ކޮރަޕްޝަނުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާއިރު އެ ލިސްޓު ސިއްރު ކުރުމަށް އެ ލިސްޓު ދިރާސާ ކުރާ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލާވާލާފައިވާ ޖޮއިންޓް ކޮމިޓީގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެދިވަޑައިގެންފި އެވެ.

ފުރަތަމަ އެ ޕްރެގްރާފްގައި އެ ވަނީ މީގެ ކުރިން އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ލިސްޓުގައި ތިބި ހުރިހާ ފަރާތެއްގެ ނަން ހާމަކުރަން ތަކުރާރުކޮށް ގޮވާލި ހަސަން އެވެ. އޮކްޓޯބަރު 23، 2019 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ކުއްލި މައްސަލައެއް ހުށަހަޅުއްވައި އެ ހަސަން ގޮވާލެއްވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި ހިމެނޭ މީހުންގެ ނަންތަކާއި ބޮޑެތި މަރުތަކުގައި ޝާމިލްވާ މީހުންގެ ނަންތައް ހާމަ ކުރުމަށެވެ.

އަބަދުވެސް ޓްރާންސްޕޭރެންސީ ނުވަތަ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކަންތައް ކުރުމަށް ވަކާލާތު ކުރައްވަން ގޮވާލާ އެ ހަސަންގެ ބަސްމަގު މިހާރު ވަނީ ބަދަލުވެފަ އެވެ. މިހާރު އެންމެ ބާރަށް ގޮވާނީ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ލިސްޓު ސިއްރު ކުރުމަށެވެ.

އޭނާ ދެކޭގޮތުން އެއީ އެންމެ މަސްލަހަތު ރަނގަޅު ގޮތެވެ. އެ ވިދާޅުވަނީ ކާކުގެ މަސްލަހަތު ކަމެއް ނޭނގެ އެވެ.

އެކަމަކު ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ޓުވީޓެއް ކުރައްވައިފަ އެވެ. ޓުވީޓް ކުރެއްވީ މަޖިލީހުގެ ބަޔާނެކެވެ.

އެ ބަޔާނުގެ ދެ ވަނަ ޕެރެގްރާފްގައި ބުނެފައި ވަނީ، "އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ސަލާމަތީ ހިދުމަތްތަކުގަ އާއި، ޝަރުއީ ދާއިރާގަ އާއި، މިނިވަން މުއައްސަސާތަކުގައި ކުރިން މަސައްކަތްކޮށްފައިވާ އަދި މިހާރު މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ކުރި އާއި މިހާރުގެ މަޖިލިސް މެމްބަރުންނާއި، ސްޓޭޓް މިނިސްޓަރު ކަމާއި މިނިސްޓަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި އަދި މިހާރު ވެސް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން" އެހެންކަމުން ކުއްލިއަކަށް ހާމަކަން ބޮޑު ހަސަންގެ ވާހަކަ ބަދަލުވާ ސަބަބު އެބަ ދެނެގަނެވެ އެވެ.

ހަދާނަށް އަނެއްކާ ވެސް އަންނަނީ ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅެވެ. އެމްއެމްޕީއާރްސީ މައްސަލަ ބަލާނަމަ އެމްޑީޕީގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ވިދާޅުވާ ވާހަކަފުޅެވެ.

ވަކިން ހާއްސަކޮށް ފާހަގަކޮށްލަން ޖެހެނީ އެސެޓް ރިކަވަރީ ކޮމިޝަންގެ އެ ރިޕޯޓް މަޖިލީހަށް ހިއްސާކުރުމަށް އެދި އެންމެ ފުރަތަމަ ހުށަހެޅުއްވީ ހަސަން އެވެ. ހަސަން އެ މަސައްކަތް ކާމިޔާބު ނުވުމުން ރިޔާސަތުން އިސްވެ އެކަން ކުރީ އެވެ. ނަމަވެސް އެ ރިޕޯޓު ލިބުމާއެކު ސިއްރުކުރަން ނިންމީ ކޮން ބައެއްގެ މަސްލަހަތު ހިމާޔަތްކުރަންކަން ސާފެވެ.

"މިއީ ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނެއްގައި ކުރަމުންދާ މަސައްކަތެއްގެ ވާހަކަ މި ދައްކަނީ. ތަހުގީގު ކުރަމުންދާ މައްސަލަތަކެއްގެ ވާހަކަ. އަދި ބައެއް މައްސަލަތަކަކީ އަދި މައުލޫމާތު އެބޭފުޅުން ހޯއްދަވަމުން ގެންދަވާ ނަންތަކެއްގެ ވާހަކަ. މިކަހަލަ ނަންތަކެއް އަޅުގަނޑުމެން އެއް ގޮތަކަށް ވެސް ހާމަކޮށްގެން ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ހަސަން ވިދާޅުވެފައި ވެ އެވެ.

ކުއްލިއަކަށް ހަސަން ގަބޫލުކުރާ ހާމަކަން ބޮޑު ގޮތެއްގައި ކަންތައްކުރާ ސިޔާސަތު ބަދަލުވުމުން އާންމުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ލިސްޓުގައި ހަސަން ލަތީފްގެ ނަން އޮތްތޯ ވެސް މިހާރު ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.