އީރާނުގެ އުތުރުގައި އޮންނަ ގޮލެސްތާން ޕްރޮވިންސްގެ އާގް ތެކޭޚާން ރޭލުވޭ ބްރިޖަށް އެމެރިކާއިން މިސައިލް ހަމަލާދީފި ކަމަށް، އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ. މި ބްރިޖަކީ އީރާނާއި ޗައިނާ އަދި ރަޝިޔާ ގުޅުވައިދޭ ރޭލުވޭ ކޮރިޑޯގެ މުހިންމު ބައެކެވެ.
މިއީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން އީރާނުގެ އެތެރެއަށް އެމެރިކާއިން ދިން އެންމެ ވަރުގަދަ އަދި އެންމެ އެތެރެއަށް އަމާޒުކުރި އެއް ހަމަލާ އެވެ. މީގެ ކުރިން އެމެރިކާގެ ހަމަލާތައް އީރާނުގެ ދެކުނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުވެފައި އޮތް ނަމަވެސް، މިފަހަރުގެ ހަމަލާ އަމާޒުކޮށްފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެ، ބެއިޖިންގް އަދި މޮސްކޯއާ ދެމެދު އެއްގަމު މަގުން ކުރާ ވިޔަފާރީގެ މުހިންމު އުމްރާނީ ވަސީލަތަކަށެވެ.
އައްގަލާ ސަރަހައްދުގައި ހުންނަ މި ބްރިޖަކީ ޗައިނާ، ކަޒަކިސްތާން، ތުރުކުމެނިސްތާން އަދި އިންޗޭ-ބޯރުން ގުޅުވައިދޭ މަގުގެ މުހިންމު ބްރިޖެކެވެ. މިއީ ޗައިނާގެ ޝިއާން އިން ފެށިގެން އީރާނުގެ ތެހެރާނާ ހަމައަށް ދިގުދެމިގެންވާ ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ގެ ބައެކެވެ.
ފާސް ނިއުސް އެޖެންސީން ބޭރުގެ މީޑިއާތަކާ ހަވާލާދީ ބުނި ގޮތުގައި، ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ޗައިނާ އިން އީރާނަށް މަދުވެގެން 65 ރޭލު ދަތުރުކޮށްފައިވެއެވެ. އަދި އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ފިއްތުންތައް ކުރިމަތިކުރަން ފެށުމާއެކު، މި މަގުން ދަތުރުކުރާ ރޭލުތަކުގެ އަދަދު ވަނީ ތިންގުނައަށް އިތުރުވެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ރަޝިޔާ އިން ވެސް ވަނީ މި ރޭލުވޭ ބޭނުންކޮށްގެން އީރާނަށް މުދާ ފޮނުވަން ފަށާފަ އެވެ. ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި މި ހަމަލާއަކީ ހަމައެކަނި އަސްކަރީ އަމާޒަކަށް ދިން ހަމަލާއެއް ނޫނެވެ. ނަމަވެސް، މި ހަބަރުގެ ސައްހަކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ހަމަލާ ދީފައިވަނީ އީރާނުގެ ދެކުނުގައި ހޮރްމުޒް ކަނޑުއޮޅި ކައިރީގައި ހުރި އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ދެމުންދިޔަ ހަމަލާތަކަށްފަހު އެވެ. ތުރުކުމެނިސްތާނު ބޯޑަރު ކައިރީގައިވާ މި ބްރިޖަށް ހަމަލާދިނުމަކީ އީރާނުގެ އިގްތިސާދީ މައިނާރަށް ދިން ބޮޑު ހަމަލާއެކެވެ.
މީގެ ކުރިން ވެސް އީރާނުގެ ރޭލުވޭތަކަށާއި، މަގުތަކަށާއި ބްރިޖުތަކަށް ހަމަލާތައް އަމާޒުވެފައިވެ އެވެ. ނަމަވެސް އެ ތަންތަން ވަނީ ވަރަށް އަވަހަށް މަރާމާތުކޮށްފަ އެވެ. މިދިޔަ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު ވެސް އެމެރިކާ އާއި އިޒްރޭލުން ވަނީ ތެހެރާން، އަލްބޯރްޒް، ގޮމް، އިސްފަހާން، ޒަންޖާން އަދި އީސްޓް އަޒަރުބައިޖާންގެ ހަ ބްރިޖަކަށް ހަމަލާދީފަ އެވެ. އެހެންނަމަވެސް، ކަޝާންގެ ޔަހްޔާ އާބާދު ބްރިޖް ތިން ދުވަސް ތެރޭގައި އަލުން ހުޅުވާފައިވާއިރު، ގޮމް ކައިރީގައިވާ ބްރިޖް 40 ގަޑިއިރު ތެރޭގައި ވަނީ މަރާމާތުކޮށް ނިންމާފަ އެވެ.
މި ހަމަލާތައް ދީފައިވަނީ މިދިޔަ މަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލުމަށްފަހު އެވެ. އެއަށްފަހު އެމެރިކާއިން ވަނީ އީރާނުގެ ތެޔޮ ވިއްކުމަށް ދީފައިވާ ހުއްދަ ބާތިލުކޮށްފަ އެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި އީރާނުގެ 90 އަށްވުރެ ގިނަ އަމާޒަކަށް އެމެރިކާއިން ވަނީ ހަމަލާދީފަ އެވެ.
މީގެ ރައްދުގައި އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނީ ކުވޭތާއި ބަހްރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާނެ ކަމަށެވެ. ހަމަ އެއާއެކު، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން އިއުލާންކުރައްވާފަ އެވެ.
އެމެރިކާ އާއި އީރާނުގެ އެއްބަސްވުން ނިމުނީ: ޓްރަމްޕް
ރެފްރީން އަމަލުކުރީ ވަރަށް ބޭއިންސާފުވެރި ގޮތަކަށް: މިސްރު ކޯޗް
ޖާޔާގެ ގުދަނެއްގައި ރޯވެ އަނދަނީ