މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި ހާއްސަ އިދާރާއެއް އުފައްދަވައިފި އެވެ.
މި އޮފީސް ހިންގުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބެލުމުގެ ދަށުންނެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި އާ އޮފީހުގެ މަސައްކަތްތަކަށް އިރުޝާދުދީ ލަފާދިނުމަށްޓަކައި ހާއްސަ ގަވަނިން ބޯޑެއް އެކުލަވާލާނެ އެވެ.
މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލައި ތަންފީޒުކުރުން ހިމެނެ އެވެ. މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި، ޕާކިންގް މައްސަލައަށް ހައްލު ހޯދުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް އެފަދަ މަޝްރޫއުތައް ހިންގުމުގައި އިސްދައުރެއް އަދާކުރުމަކީވެސް މި އޮފީހުގެ ޒިންމާއެކެވެ.
ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިފަދަ އޮފީހެއް އުފައްދަވާފައިމިވަނީ، މާލެ ސިޓީ ކައުންސިލުން ވެސް އެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެއީ ގާނޫނުން ވެސް ސިޓީ ކައުންސިލާ މަތިކޮށްފައިވާ ޒިންމާއެކެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން މިދިޔަ އަހަރު ކުރި ދިރާސާއަކަށްފަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުގައި ޖުމުލަ 119،472 އުޅަނދު ބޭނުންކުރެއެވެ. މީގެ ތެރެއިން 93 އިންސައްތައަކީ ސައިކަލު ކަމަށްވާއިރު، އެއީ ގާތްގަނޑަކަށް 103،300 ސައިކަލެވެ.
މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްގެން ހެދި އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓްރެފިކާއި ތޮއްޖެހުމުގެ އިތުރުން ވައި ނުސާފުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި 132،230 ޕާކިންގް ސްލޮޓް ރަނގަޅު ނިޒާމެއްގެ ދަށުން މެނޭޖުކުރަން ޖެހެ އެވެ. މި އާ އޮފީހާއެކު މި މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެ އެވެ.
ޕްރިންސް ހެރީއާއި މޭގަން ދަރިންނާއެކު އިނގިރޭސި ވިލާތަށް؟
އަނގަ ފާރުވުމަކީ ހީކުރާ ވަރުގެ އާދައިގެ ކަމަކަށް ނުވެދާނެ!
