ހަށިގަނޑުން ފެންނަ ބައްޔެއްގެ އަލާމާތަކުން ޑޮކްޓަރަށް ދެއްކުމުގެ ކުރިން ސޯޝަލް މީޑިއާއިން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ޖަވާބު ހޯދުމަކީ މިއަދު ގިނަ ބައެއްގެ އާދަ އެކެވެ.
ދާދި ފަހުން ޝާއިއުކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި، ސޯޝަލް މީޑިއާ ބޭނުންކުރާ ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކު (އެމެރިކާގެ އެކަނިވެސް 47 މިލިއަނަށްވުރެ ގިނަ މީހުން) ސިއްހީ ނިންމުންތައް ނިންމަނީ ސޯޝަލް މީޑިއާއިން ފެންނަ މަޢުލޫމާތަށް ބިނާ ކޮށެވެ.
ނަމަވެސް ސިއްހީ މާހިރު އަދި ޑޮކްޓަރު ލީނާ ވެން ވިދާޅުވާ ގޮތުގައި، މިއީ އޭގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތި ވެދާނެ ކަމެކެވެ.
ސޯޝަލް މީޑިއާއާއި އޭއައިގެ ނުރައްކާތައް
ސޯޝަލް މީޑިއާއިން ސިއްޙީ މަޢުލޫމާތު ހޯދުމުގައި އެންމެ ބޮޑު ނުރައްކަލަކީ އޮޅުވާލަނިވި މަޢުލޫމާތު ފެތުރުމެވެ.
- އެލްގޮރިދަމްގެ ނުފޫޒު: ސޯޝަލް މީޑިއާގެ އެލްގޮރިދަމްތައް ރޭވިފައިވަނީ މީހަކު ބަލާ އުޅޭ ބާވަތުގެ ވީޑިއޯތަކާއި ލިޔުންތައް ތަކުރާރުކޮށް ދައްކާ ގޮތަށެވެ. އެހެންކަމުން، ސިއްހީ ގޮތުން ނުބައި މައުލޫމާތެއް ބަލައިފިނަމަ، ދެންވެސް ފެންނާނީ އެފަދަ ނުބައި މަޢުލޫމާތު ތަކެވެ. މީގެ ސަބަބުން ސަހީ މެޑިކަލް އިރުޝާދުތަކަށް އިތުބާރު ނުކުރެވޭ ހިސާބަށް ކަންކަން ދެއެވެ.
- އޭއައިގެ ހުރަސްތައް: އޭއައި ޗެޓްބޮޓްތަކުން ވަރަށް ޔަގީންކަމާއެކު ވާހަކަ ދެއްކި ނަމަވެސް، އެ ތަކެއްޗަކީ ސިއްހީ މާހިރުންނެއް ނޫނެވެ. ކޮންމެ އިންސާނެއްގެ ސިއްޙީ ހާލަތު ތަފާތުވާނެ އެވެ. އޭއައިއަށް އިންސާނެއްގެ މުޅި ހާލަތު ފުރިހަމައަށް ވަޒަން ކުރުމަކީ ވާނެ ކަމެއް ނޫނެވެ.
ރައްކާތެރިކަމާއެކު ބޭނުންކުރާނީ ކިހިނެއް؟
ސޯޝަލް މީޑިއާއާއި އޭއައިއަކީ މުޅިން ގޯސް އެއްޗެއް ނޫނެވެ. އެއީ މެޑިކަލް މައުލޫމާތުތައް އާންމުކޮށް އޮޅުން ފިލުވައިދިނުމަށާއި، އެކަކު އަނެކަކުގެ ތަޖުރިބާ ހިއްސާކުރުމަށް ރަނގަޅު ވަސީލަތެކެވެ. ނަމަވެސް އެ ވަސީލަތްތައް ބޭނުން ކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތަކެއްވެ އެވެ.
- އަވަސް ފަރުވާގެ ވައުދުތަކަށް ސަމާލުވުން: "ކުރު މުއްދަތެއްގެ ތެރޭގައި އެއްކޮށް ރަނގަޅުކޮށްދޭނެ" ކަމަށް ބުނެ އިޝްތިހާރުކުރާ ބޭހާއި، ސަޕްލިމެންޓްތަކަށް ސަމާލުވާށެވެ.
- މައުލޫމާތުގެ ތެދުކަން ކަށަވަރު ކުރުން: ފެންނަ ކޮންމެ މައުލޫމާތަކީ ތެދެއްތޯ ބެލުމަށްޓަކައި، އެއީ އިތުބާރު ހުރި ސިއްހީ އިދާރާއަކުން ނުވަތަ ކޮލިފައިޑް ޑޮކްޓަރެއްގެ ކިބައިން ލިބިފައިވާ މައުލޫމާތެއްތޯ ކަށަވަރު ކުރާށެވެ.
- ޑޮކްޓަރެއްގެ އިރުޝާދު ހޯދުން: އޮންލައިންކޮށް ފެންނަ މައުލޫމާތަކަށް ބިނާކޮށް މިހާރު ބޭނުންކުރާ ބޭހެއް ބޭނުން ކުރުން ހުއްޓާލުމުގެ ކުރިން ނުވަތަ އާ ބޭހެއް ފެށުމުގެ ކުރިން، އަބަދުވެސް އަމިއްލަ ޑޮކްޓަރާ މަޝްވަރާ ކުރާށެވެ.
ހުލާސާކޮށް ބުނާނަމަ، ސޯޝަލް މީޑިއާއާއި އޭއައިއަކީ މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ކުރެވިދާނެ އެހީތެރި އެކެވެ. ނަމަވެސް، ބައްޔެއް ދެނެގަތުމަށާއިފަރުވާ ހޯދުމަށް އަބަދުވެސް އިތުބާރު ކުރަންވާނީ ސިއްހީ މާހިރުންނަށެވެ. ނޫންނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ އެވެ.
އެއް ބިލިއަންގެ އާމްދަނީއެއް ހޯދި ފުރަތަމަ ބައޮޕިކްއަކީ މައިކަލް!
އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
ސަންއާ އެއާޕޯޓަށް ހަމަލާދިނީ ސައުދީން ކަމަށް ހޫތީން ބުނެފި