އާދީއްތަ ދުވަހު ނިއުޔޯކް ނިއުޖާޒީ ސްޓޭޑިއަމްގައި ބޭއްވި ވޯލްޑް ކަޕް ފައިނަލް މެޗަށްފަހު، ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދަނޑަށް އެރުމާއެކު، ސަޕޯޓަރުންގެ ނުރުހުމުގެ އަޑުތަކުން މުޅި ސްޓޭޑިއަމް ގުގުމާލައިފި އެވެ.

ނަމަވެސް، ކުޅުންތެރިންނާއި ކޯޗުންނަށް މެޑަލް ހަވާލުކުރަން ފެށުމާއެކު، ސަޕޯޓަރުންގެ މި ހަޅޭކުގެ އަޑުތައް ވަނީ މެދުކަނޑާލާފަ އެވެ.

ހެލިކޮޕްޓަރެއްގައި ދަނޑަށް ވަޑައިގެންނެވި ޓްރަމްޕް، ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ކުޅުންތެރިންނާއެކު ޕޯޑިއަމްގައި މަޑުކުރެއްވި އެވެ. އެހެންނަމަވެސް، ފޮޓޯގްރާފަރުންގެ ބޮޑު ފައުޖެއްގެ ކުރިމަތީގައި ސްޕެއިންގެ ކެޕްޓަން ރޮޑްރީ ތަށި އުފުލާލުމުގެ ކުރިން، ޓްރަމްޕް ވަނީ އެއްފަރާތަކަށް ޖެހިވަޑައިގަތުމަށް އިރުޝާދު ދެވިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އުފެދުނު އެންމެ ބޮޑު ހޫނު ބަހުސަކަށް ވެފައިވަނީވެސް ރައީސް ޓްރަމްޕެވެ. އެއީ ގްރޫޕް ސްޓޭޖުގައި ބޮސްނިއާ އާނދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަންއަށް ދެއްކި ރަތް ކާޑު މުރާޖައާ ކުރުމަށް އެދި ޓްރަމްޕް، ފީފާގެ ރައީސް އިންފަންޓީނޯއަށް ފޯނުން ގުޅުއްވި މައްސަލަ އެވެ.

މި މައްސަލައާ ގުޅިގެން ބަލޯގަންއަށް ދިން އެއް މެޗުގެ ސަސްޕެންޝަން ފަސްކުރެވުނެވެ. އަދި ގަދަ 16 ގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ބައިވެރިވި ނަމަވެސް، އެ މެޗުން އެމެރިކާ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.