2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް ކުރި ސްކޫލް ދަތުރެއްގެ ތެރޭގައި މަރުވި އުމުރުން 15 އަހަރުގެ ޖެނާ ޗަންގެ މައިންބަފައިން، ސެއިންޓް ޖޯސެފްސް އިންސްޓިޓިއުޝަން އިންޓަނޭޝަނަލް (އެސްޖޭއައިއައި) އާ ދެކޮޅަށް އިހުމާލުގެ ދައުވާ އުފުލައިފި އެވެ.

ޖެނާގެ މައިންބަފައިން ކަމަށްވާ ޑރ. ޖެނިފާ ލިއާއު އަދި އެލަން ޗަން ބުނި ގޮތުގައި، ޝަރުއީ މަރުހަލާއަށް ދާންޖެހުނީ ދަރިފުޅުގެ މަރުގެ މައުލޫމާތު ހޯދުމަށް ވޭތުވެދިޔަ 20 މަސްދުވަހު ކުރި މަސައްކަތުން ސްކޫލުން އެދެވޭ ޖަވާބެއް ލިބިފައިނުވާތީ އެވެ. ޑރ. ލިއާއު ބުނީ، އެ އާއިލާއިން ބޭނުންވީ މިފަދަ ހިތާމަވެރި ހާދިސާއެއް ދެން އެހެން ކުއްޖަކަށް ދިމާނުވާނެކަން ކަށަވަރުކުރުމަށް ސްކޫލާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށާއި، ނަމަވެސް ސްކޫލުން އެއްބާރުލުން ދީފައިނުވާ ކަމަށެވެ.

މި މައްސަލަ ހައިކޯޓުގެ ޖެނެރަލް ޑިވިޒަނަށް ހުށަހަޅާފައިވަނީ ޖެނާގެ 17 ވަނަ އުފަންދުވަހާ ދިމާކޮށްފަ އެވެ. ސިންގަޕޫރުގެ ދަރިވަރެއް ކަމަށްވާ ޖެނާ މަރުވީ އދ. ދިގުރަށް ކައިރީގައި މޫދަށް އެރި އުޅެނިކޮށް، ފަހަތަށް ޖެއްސި އުޅަނދެއްގެ ބުރަފަތީގައި ޖެހިގެންނެވެ.

ދައުވާގައިވާ ގޮތުން، 8 ނޮވެމްބަރު 2024 ގެ ހެނދުނު ޖެނާ މޫދަށް ފޭބީ އެކުގައި ދިޔަ މުދައްރިސުންގެ ހުއްދަ ލިބިގެންނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އުޅަނދުގެ އިންޖީނު ޖައްސައި، އުޅަނދު ފަހަތަށް ޖެއްސި ވަގުތު އޭގެ ބުރަފަތިން ޖެނާގެ ގައިގައި ޖެހުނެވެ. އަދި އުޅަނދު ފަހަތަށް ޖެއްސުމުގެ ސަބަބުން ޖެނާ އުޅަނދުގެ ދަށުވި ކަމަށާއި، އުޅަނދު މަޑުކުރީ މުދައްރިސަކު ހަޅޭއްލެވުމުން ކަމަށް ބުނެފައިވެއެވެ.

ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަތާ 15 މިނެޓު ތެރޭގައި ޖެނާ މަރުވެފައިވާކަން ވަނީ ބުނެފަ އެވެ.

އާއިލާގެ ތުހުމަތުތައް

އާއިލާއިން ތުހުމަތުކުރާ ގޮތުގައި މި ދަތުރަކީ ސްކޫލްގެ މުގައްރަރުގެ ދަށުން މަޖުބޫރު ދަތުރެކެވެ. ނަމަވެސް ސްކޫލުން ވަނީ ދަތުރު ރޭވި ފަރާތުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައާއި، ދަރިވަރުން ބެލެހެއްޓުމުގައި އިހުމާލުވެފަ އެވެ. އަދި ހާދިސާއަށްފަހު ސްކޫލުން މައުލޫމާތު ސިއްރުކޮށް، ތަހުގީގު ރިޕޯޓު ހިއްސާކުރުމަށް އިންކާރުކޮށްފައިވާ ކަމަށްވެސް އާއިލާއިން ބުނެއެވެ.

ނަމަވެސް ސްކޫލްގެ ވަކީލުން ބުނެފައިވަނީ، ދަތުރު އިންތިޒާމުކުރި ފަރާތުގެ އިހުމާލަށް ސްކޫލުން ޒިންމާވާން ނުޖެހޭނެ ކަމަށެވެ.

ބަދަލުގެ ގޮތުގައި އެދޭ މިންވަރު

މި މައްސަލާގައި ޖެނާގެ އާއިލާއިން ދަނީ ޖުމްލަ ގެއްލުމުގެ ބަދަލުގެ އިތުރުން، މިހާތަނަށް ހިނގާފައިވާ ހަރަދުތަކުގެ ގޮތުގައި 77,506.87 ސިންގަޕޫރު ޑޮލަރު (ގާތްގަނޑަކަށް 60,100 އެމެރިކާ ޑޮލަރު) ހޯދުމަށް އެދެމުންނެވެ. މީގެ ތެރޭގައި ޖަނާޒާގެ ހަރަދާއި، ތަހުގީގަށް ހިނގި ހަރަދުތައް ހިމެނެއެވެ.

މީގެ އިތުރުން، މުސްތަގުބަލުގައި ޑޮކްޓަރަކަށް ވުމުގެ އުންމީދުގައި ހުރި ޖެނާގެ ފަރާތުން އާއިލާއަށް ލިބޭނެ ކަމަށް އުންމީދުކުރި މާލީ އެހީތެރިކަން ގެއްލުމުގެ ބަދަލު ހޯދުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.