އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ސަމަޔު ރައިނާގެ މަގުބޫލު ޝޯ "އިންޑިއާސް ގޮޓް ލޭޓެންޓް" ގެ އެޕިސޯޑެއްގެ ތެރެއިން ހަދިޔާއެއްގެ ގޮތުގައި ދިވެހި ރާއްޖެއަށް ދަތުރެއް ދީފި އެވެ.

އެ ޝޯގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވި މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ ކަރަން އޯޖްލާ ވަނީ އެ ޝޯއަށް އައިސް ތިބި، އާއިލާއަށް ފިލައިގެން ކައިވެނިކޮށްގެން އުޅޭ ޒުވާން ޖޯޑަކަށް ރާއްޖޭގެ ދެކޮޅު ޓިކެޓު ވަނީ ހަދިޔާ ކޮށްފަ އެވެ.

މި އެޕިސޯޑުގައި ޖަޖުންގެ ގޮތުގައި ކަރަން އޯޖްލާގެ އިތުރުން މަޝްހޫރު ކޮމީޑިއަން ތަންމާއި ބަޓް އަދި ސަމަޔު ރައިނާ ބައިވެރިވި އެވެ.

ޝޯގެ ތެރެއިން އޯޑިއަންސްގައި ތިބި މީހުންނާ ވާހަކަ ދެއްކުމުގެ ތެރޭގައި، މި ޖޯޑު ވަނީ އެމީހުންގެ އާއިލާތަކުގެ ނުރުހުމުގައި ފިލައިގެން ގޮސް ކައިވެނިކުރި ގޮތުގެ ވާހަކަ ހިއްސާކޮށްފަ އެވެ. ކައިވެންޏަށްފަހު އަދި ހަނީމޫނަކަށް ދެވޭގޮތް ނުވާކަން އެމީހުން ފާހަގަކުރި އެވެ.

މި ވާހަކަތައް އަޑު އެހުމަށްފަހު، ކަރަން އޯޖްލާ ވަނީ ވަގުތުން އެ މީހުންނަށް ރާއްޖެއަށް ދިއުމުގެ ދަތުރެއްގެ ޚަރަދު ދޭނެކަން އިއުލާން ކޮށްފަ އެވެ. ކަރަންގެ މި ދީލަތި އަމަލާއެކު ޝޯގެ ސެޓުގައި ތިބި އެންމެންގެ ތަރުހީބު އޭނާއަށް ލިބުނެވެ.

ސަމަޔު ރައިނާ އާއި ތަންމާއި ބަޓް ވެސް ވަނީ ކަރަންގެ މި ނިންމުމަށް ތައުރީފުކޮށް، ސަމާސާ މާހައުލެއްގައި އެ ޖޯޑަށް މަރުހަބާ ކިޔާފަ އެވެ. ސޯޝަލް މީޑިއާގައި މި ވީޑިއޯ އާއްމު ވުމާއެކު، ގިނަ ބަޔަކު ދަނީ ކަރަންގެ މި ދީލަތި ކަމަށް ތައުރީފު ކުރަމުންނެވެ.