ދިވެހި ގައުމުގެ ވެސް ގޮތަކާއި ފޮތަކާއި އިއްޒަތެއް އޮންނަންވާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާގެ ކަންކަމަށް ޖަރުމަނު ސަރުކާރުން ހަރަދުކުރާ ކަމަށް ބުނުމުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ހަމަޖައްސަވަނީ ޖަރުމަން ސަރުކާރުން ކަމަށް ބުނެ ލިޔެފައިވާ ހަބަރެއް ހިއްސާ ކުރައްވަމުން ކުރެއްވި ޓުވީޓެއްގައި ދިޔާނާ އިތުރަށް ވިދާޅުވެފައި ވަނީ ނަޝީދުގެ ބޭސްފަރުވާގެ ކަންކަން ޖަރުމަނު ސަރުކާރުން ހަމަޖެއްސިކަމުގެ ހަބަރު ނޫހަކުން ފެނުމުން "ގަތީ އަމަށު ލަދެއް ނޫން" ކަމަށެވެ.

ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ބަންޑާރަ ނައިބު ދިޔާނާ ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިނީ މި ފަސްގަނޑުގައި ކަމަށާއި އެއީ ސެކިއުރިޓީ ފެއިލްވެގެން ހިނގި ކަމެއް ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ދަތުރުކުރެއްވި އެއާ އެމްބިއުލާންސްގެ ހަރަދާއި އެ ގައުމުގައި ބޭސްފަރުވާ ކުރެއްވުމުގެ ހަރަދު ހަމަޖައްސަވާފައިވަނީ ޖަރުމަންގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ވަނީ ބުނެފަ އެވެ.

ޖަރުމަން ސަރުކާރުން ރައީސް ނަޝީދުގެ ބޭސްފަރުވާގެ ހަރަދު ބަލަހައްޓާތީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް ސަރުކާރަށް ދަނީ އަމާޒު ވަމުނެވެ. އެގޮތުން އެމްޑީޕީ އާއި އިދިކޮޅުގެ އެކަމާ ގުޅިގެން ވަނީ ފާޑުކިޔާފަ އެވެ.

އެ ގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އާދިލް ސަލީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ވިޔަފާރިވެރިންނަށް ބަދަލުދޭން ފައިސާ ހުންނަކަމަށް ވަންޏާ ގައުމުގެ ވެރިން ބަލަހައްޓަން ވެސް ފޯރަންވާނެ ކަމަށެވެ.

މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ކުރީގެ ރައީސް ނަޝީދަށް ލިބުނު އަނިޔާއަށް ފުރަތަމަ ފަރުވާ ހޯދާފައި ވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. 16 ގަޑިއިރަށް ދެމިގެން ދިޔަ ހަތަރުގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައިވާއިރު އެ މަނިކުފާނު ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މިހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު ރައީސް ނަޝީދަށް ދޭ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފަ އެވެ. މިހަމަލާގެ އެންމެ ފުންމިނަށް ދާނެ ކަމަށާއި މިކަމުގައި ބައިވެރިވެފައިވާ އެންމެނަށް އަދަބުދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.