ކަލްކަތާ (14 މެއި) - ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒްގެ ދެމެދުގައި އޮންނަ ދުރުމިން 16-12 ހަފުތާއަށް އިތުރު ކުރަން ނުފެންނަ ކަމަށް އިންޑިއާގެ މާހިރުން ބުނެފި އެވެ.
އިންޑިއާގައި ކޮވިޝީލްޑްގެ ވެކްސިންގެ ދެ ޑޯޒު ދިނުމުގައި 12 ހަފްތާގެ ދުރުމިން ބެހެއްޓުމަށް ހުށައަޅާފައި ވަނީ ދާދި ފަހުން ކުރި ދިރާސާއެއްގެ ނަތީޖާއަށް ބިނާކޮށް އެ ގައުމުގެ ސެންޓްރަލް ޕެނަލުންނެވެ.
ކޮވިޝީލްޑްއާއި ކޮވެކްސިންގެ ވެކްސިން ދެ ޑޯޒު ދިނުމަށް އެ ވެކްސިން އުފެއްދި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ލަފާދީފައިވަނީ ހަތަރު ހަފްތާގެ ދުރުމިނެއްގަ އެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިން ދިނުން ފަހުން 8 ހަފްތާގެ ދުރުމިނަށް ބަދަލުކޮށްފައިވާ އިރު މިހާރު ވަނީ އެ ދުރުމިން 12 ހަފްތާއަށް އިތުރުކުރަން ހުށައަޅާފަ އެވެ.
ރާއްޖޭގައި ވެސް ވަނީ 12 ހަފުތާ ފަހުން ކޮވިޝިލްޑް ވެކްސިން ޖެހިޔަސް ރަނގަޅު ކަމަށް ނިންމައިފަ އެވެ.
މާހިރުން ވަނީ ކޮވިޝީލްޑްގެ ދެ ޑޯޒް ދޭތެރޭގައި ހޭދަވާ މުއްދަތު އިތުރުކުރުމުން ވެކްސިން އިން ލިބޭ ރައްކާތެރިކަން ޔަގީންކޮށްދޭ ހެކި އެދެވޭ ވަރަކަށް ލިބިފައި ނުވާކަން ފާހަގަ ކޮށް އެ މުއްދަތު އިތުރުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.
ކޮވިޝީލްޑްގެ ދެޑޯޒްގެ ދޭތެރޭގައި ހޭދަވާ މުއްދަތާމެދު ޚިލާފުތައް އުފެދިފައިވާއިރު އެސްޓްރާޒެނެކާ އަދި ފައިޒާ ވެކްސިންގެ ދެޑޯޒު ދިނުން އެދެވިގެން ވަނީ 12 ހަފްތާގެ ދުރުމިނެއްގައި ކަމަށް މާޗު މަހު ހެދި ދިރާސާއަކުން ދައްކާފައިވެ އެވެ. -- ޓައިމްސް އޮފް އިންޑިއާ