ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ކުޑަކޮށް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި 17 ރުފިޔާއަށް ކުޑަކުރުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، މާދަމާ ރޭ ބާއްވާ މުޒާހަރާގައި ސަރުކާރަށް ހުށަހަޅާނެ އެންމެ ބޮޑު އެއް ޑިމާންޑަކީ ޑޮލަރުގެ އަގު ތިރިކޮށްދިނުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރެއްގެ އަގު 19 ރުފިޔާއަށް އަދި އެއް މަސް ދުވަހުގެ ތެރޭގައި، މި ސަރުކާރުން ހަވާލުވިއިރު ހުރި މިންވަރު ކަމަށްވާ 17 ރުފިޔާއަށް ތިރިކުރުމަށް އެދޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން މި ބުނަނީ ކުރިއަށް މި އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ސަރުކާރުން ތިރިކޮށްދޭށޭ! ދެން އެއް މަސް ދުވަހުގެ ތެރޭގައި 17 ރުފިޔާއަށް [ޑޮލަރުގެ އަގު ތިރިކޮށް ދޭށޭ]،" ނަޝީދު ވިދާޅުވި އެވެ.
ޑޮލަރުގެ އަގު ކުޑަކުރާނެ ގޮތް ވަރަށް ސާފުކޮށް އެނގެން އޮތްއިރު ވެސް މި ސަރުކާރުން އެކަން ނުކޮށް އިންތިހާއަށް އަގު މަތިވާން ދޫކޮށްލާފައި ވާތީ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ނަމަވެސް އެމްޑީޕީގެ ސަރުކާރެއްގައި ޑޮލަރުގެ އަގު ތިރިކުރާނެ ކަމުގެ ޔަގީންކަން ނަޝީދު ވަނީ ދެއްވައިފަ އެވެ. އަދި ސަރުކާރުން މިކަމަށް އެދެވޭ އިޖާބައެއް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22.25 ރުފިޔާއަށް އުފުލި، ތަކެތީގެ އަގު ބޮޑުވަމުން ދާއިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޑޮލަރުގެ އަގު މަތި ވަނީ ބައެއް ނޫސްތަކުން ފަތުރާ "ފޭކް ނިއުސް" އާއި ސުރުހީތަކުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ސެކިއުރިޓީސް ދަރަނި 100 ބިލިއަނުން މައްޗަށް އަރައިފި
އެމްޑީޕީން ބުނީ މުޒާހަރާކުރާނީ މަޖީދީ މަގުގައި ކަމަށް
ޑޮލަރު މާރުކުރުމާ ގުޅޭ އިސްލާހު އެއް ދުވަހުން ނިންމަނީ