އެމްޑީޕީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމާމެދު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިސް ބޭފުޅުންނާއެކު މަޝްވަރާތައް ފައްޓަވައިފި އެވެ.
އެމަނިކުފާނުގެ އަރިސް ބޭފުޅަކު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާމެދު ރައީސް ސޯލިހު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށެވެ. މިހާރު ވާދަކުރައްވަން ތިއްބެވި ގިނަ ބޭފުޅުންގެ ތާއީދު އޮތްނަމަ އެމަނިކުފާނު އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ހަފުތާގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުއްﷲ ޝާހިދު ފިޔަވައި އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާ ރައީސް ސޯލިހު ވަނީ ބައްދަލުކުރައްވައިފަ އެވެ. އަދި ޝާހިދާއެކު ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ޝާހިދު ސަޕޯޓަރުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ވިދާޅުވަމުން ގެންދަވަނީ ކޮންމެ ބޭފުޅަކު ކުރިމަތިލެއްވިޔަސް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ.
ރައީސް ސޯލިހަކީ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ހޯއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ.
އެ ޕްރައިމަރީގެ ނަތީޖާއާމެދު ސުވާލު އުފައްދަވައި ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވައިފަ އެވެ. އެ ޕާޓީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރުމަކީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުލިބުނު އެއް ސަބަބެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ސޯލިހު ވިސްނަވަމުންދާއިރު، ކުރީގެ ރައީސް ނަޝީދު ވަނީ 2028ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވާނެކަން ހާމަކުރައްވައިފަ އެވެ.
"ކްރައިމް ޕެޓްރޯލް"ގެ އާ މޫނަކަށް އަޖޭ ދޭވްގަން!
ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ރަޖިސްޓަ ކުރުމުގެ ފުރުސަތު
ޕެރަމައުންޓުން ހޮލީވުޑް ދޫކޮށްލަނީ؟
