ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމިއްޔާއަކަށް، އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށާއި ކުންފުންޏަކަށް މިއަދު ދެއްވައިފި އެވެ.
މި އިނާމުތައް ދެއްވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި މި ޖަލްސާގައި އިނާމުތައް ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
މިއަހަރުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން މުހައްމަދު އާމިރު އަހުމަދު (ފީރޯޒްވާދީ، ގދ. ފަރެސްމާތޮޑާ) އާއި އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން، މިހާރުގެ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްގެ ބައްޕާފުޅު، އިބްރާހީމް ރަޝީދު (ވ. ވަސްމީރުފިޔަ) އެވެ.
މީގެ އިތުރުން ސިއްހީ ދާއިރާއިން ސޮސައިޓީ ފޯ ހެލްތް އެޑިޔުކޭޝަން (ޝީ) އަށް ޝަރަފުވެރިކަމުގެ އިނާމު ލިބުނުއިރު، ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން އަލްފާޟިލާ ނަޖުމާ ހުސައިން (ގ. ނޫރީފެހި) އަށް ވަނީ އިނާމު ދެއްވާފަ އެވެ.
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 7 ބޭފުޅުންނާއި ކުންފުންޏަކީ:
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ ހިދުމަތުގެ ދާއިރާއިން: ހައްވާ ލަތީފް (ގއ. ދާންދޫ)
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުހައްމަދު ނަސީރު (ހދ. ވައިކަރަދޫ)
- ދިވެހި ތާރީހުގެ ދާއިރާއިން: ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސަޢީދު
- ސިއްހީ ދާއިރާއިން: މުހައްމަދު އަހުމަދު
- އިމާރާތްކުރުމުގެ ދާއިރާއިން: ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- މުއާސަލާތާއި އައިޓީގެ ދާއިރާއިން: އަރުޝަދު އަހުމަދު (ހއ. އުލިގަން)
- ކުޅިވަރުގެ ދާއިރާއިން: އާއިޝަތު ނައުރާ
- ވިޒްއަލް އާޓްސްގެ ދާއިރާއިން: އިސްމާއީލް އަބްދުލް ޣަފޫރު
މިއަދުގެ ޖަލްސާގައި ވަނީ ހިދުމަތުގެ ގައުމީ އިނާމު ރާއްޖޭގެ މަޝްހޫރު ކޯޗު އަލްމަރުހޫމް އިހުސާން އަބްދުލްޣަނީގެ ހަނދާނަށް ވެސް އަރުވައިފަ އެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ ޝަރަފުގެ އައްޑަނައަކާއި، ބެޖެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ދެއްވީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.
ޝާހިދު ރިޔާސީ ކެމްޕޭން ފައްޓަވައިފި
އީރާނުގެ ކަނޑު ބަންދުކޮށް އިގްތިސާދީ ފިއްތުން އިތުރު ކުރަނީ
މިއަދު މެންދުރު ފަހުން ފެށިގެން ވިއްސާރަ އަލިވާން ފަށާނެ: މެޓް