ޓެލެގްރާމް މެދުވެރިކޮށް އެތައް ބައެއްގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޕޯސްޓްކޮށް، ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންދިޔަ މައްސަލައިގައި ހިމެނޭ ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އެ މީހުން ޖަލަށްލުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ޝަރީއަތުން ހުކުމް އިއްވާފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު އަލީ އާއި، ދަފްތަރު ނަންބަރު ރސ 14751 ނާސިފް އަލީގެ އިތުރުން ކ. ކާށިދޫ، ސިލިންކޯ، އިސްމާއީލް ޒަބީހްގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއާއި، ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މީހުން އަތުލައިގަތް އޮޕަރޭޝަނުގައި 14 ޑިޖިޓަލް އާލާތަކާއި، އެ މީހުންގެ ނަމުގައި ހަދާފައިވާ 9 ޓެލެގްރާމް އެކައުންޓް ވަނީ ސީޒްކޮށްފަ އެވެ. އަދި ބަރަހަނާ މަންޒަރުތައް ހިމެނޭ 571 ޗެނަލް ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ތަކެތި ޕޯސްޓްކުރުމަށް ހާއްސަކޮށް ހިންގި 43 ޗެނަލް ހިމެނެއެވެ.
މި ޗެނަލްތަކުގައި ދިވެހި އަންހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭހެން 241،651 ފޮޓޯއާއި 86،618 ވީޑިއޯ ޕޯސްޓްކޮށްފައިވާކަން ތަހުގީގަށް ވަނީ ކަށަވަރުވެފަ އެވެ. އަދި ފައިސާ ދައްކައިގެން މި ޗެނަލްތަކަށް 34،680 އަށް ވުރެ ގިނަ މީހުން ސަބްސްކްރައިބް ކޮށްފައިވާއިރު، ސަބްސްކްރިޕްޝަން ފީގެ ގޮތުގައި މި ތިން މީހުން ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގެ ނަހަމަ މަންފާއެއް ހޯދާފައިވާ ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި އިއްވި ހުކުމުގައިވާ ގޮތުން:
ޒުބައިރު އަލީ: އޮރިޔާން ކާޑު ގެންގުޅުމުގެ ތިން ދައުވާއަކަށް ވަކިވަކިން 18 ދުވަސް، 1 އަހަރާއި 6 މަސް ދުވަސް، އަދި 9 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. މީގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި އޭނާ 2 އަހަރާއި 6 މަހަށް ޖަލަށްލުމާއެކު 600،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
އިސްމާއީލް ޒަބީހް: މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 2 އަހަރާއި 6 މަހަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
ނާސިފް އަލީ: މަނީ ލޯންޑްރިންގެ ކުށުގައި 2 އަހަރާއި 6 މަހަށް ޖަލަށްލުމުގެ އިތުރުން 263،232 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިންގެ މަންފާ ގިނަ ބަޔަކަށް
ޔާމީން ގޭގައި ހުންނެވުމަކީ ގައުމު ލަދުވެތިވާންޖެހޭ ކަމެއް: ފަލާހު
ނޭޕާލާއި ޓިބެޓްގެ ފެންބޮޑުވުމުގައި 1،300 މީހުން ގެއްލިއްޖެ