ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި ކުއްޔަށް ދިނުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް އިތުރަށް މަގުފަހިވާ ގޮތަށް އެކުލަވާލި ފަޅުރަށްރަށް ކުއްޔަށް ދޫކުރުމާ ބެހޭ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަދު މެންދުރު މި ގާނޫނު ތަސްދީގުކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގައި މި ބިލު ފާސްކުރީ 47 މެންބަރުންގެ ވޯޓާއެކު އެވެ. މި ބިލާ ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވި އެވެ.

އާ ގާނޫނުގައިވާ ގޮތުން ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމާއި، ސިނާއީ ބޭނުންތަކާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިގުތިސޯދީ އަދި އިޖުތިމާއީ ބޭނުންތަކުގެ އިތުރުން ދައުލަތުގެ ބޭނުންތަކަށެވެ. އެގޮތުން ފަޅުރަށްރަށް ދޫކުރެވޭނެ މުއްދަތަކީ 21 އަހަރު ކަމަށްވާއިރު، މިނިސްޓްރީތަކާއި ކައުންސިލްތަކަށް އެ މުއްދަތު 50 އަހަރަށް އިތުރުކުރުމުގެ އިހުތިޔާރު ލިބިގެންވެ އެވެ.

މީގެ އިތުރުން 5 އަހަރުގެ މުއްދަތަކަށް ރަށްރަށް ވަރުވާއަށް ލިޔެދެވޭނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކުއްޔަށް ދޫކުރާނެ އަގުތަކަކީ:

  • ސިނާއީ އަދި އިގުތިސޯދީ ބޭނުން (ރަށްރަށާއި ފަޅު): އަކަމީޓަރަކަށް އަހަރަކު 3.00 ރުފިޔާ
  • މަސްވެރިކަމާއި ދަނޑުވެރިކަން (ރަށްރަށް): އަކަމީޓަރަކަށް އަހަރަކު 2.50 ރުފިޔާ
  • އިޖުތިމާއީ ބޭނުން (ރަށްރަށް): އަކަމީޓަރަކަށް އަހަރަކު 2.00 ރުފިޔާ
  • މަސްވެރިކަމުގެ ބޭނުން (ފަޅު): އަކަމީޓަރަކަށް އަހަރަކު 0.50 ރުފިޔާ

މި ގާނޫނުގެ ދަށުން ވިޔަފާރީގެ ބޭނުމަށް ފަޅާއި ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޕާޓްނާޝިޕްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ އިތުރުން ރީ-ރަޖިސްޓްރީކޮށްފައިވާ ބޭރުގެ ކުންފުނިތަކަށެވެ. އަދި ރަށްރަށް ކުއްޔަށް ދޫކުރުމަށްފަހު، އެކަމުގެ ތަފްސީލީ މައުލޫމާތު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލްގެ އޮފީހާ ހިއްސާކުރަންޖެހޭނެ އެވެ.