ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ގާއިމުކޮށްފައިވާ އެމެރިކާ އަސްކަރިއްޔާގެ މުހިންމު ދެ މަރުކަޒަކަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހާމަކޮށްފި އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ޔޫއޭއީގެ އަލް ދާފްރާ އެއާބޭސް އަދި އަލް މިންހަދު އެއާބޭސް އަށެވެ.
އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ބުދަ ދުވަހުގެ ފަތިހުން ފެށިގެން އެމެރިކާ ސިފައިން އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އެ ދެ މަރުކަޒުގެ ރާޑާ ސިސްޓަމްތަކަށާއި ސިފައިން ތިބޭ އިމާރާތްތަކަށް ވަނީ ގިނަ އަދަދެއްގެ "ކަމިކާޒޭ" ޑްރޯން ބޭނުންކޮށްގެން ސީދާ ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް، މި ހަމަލާތަކާ ގުޅިގެން ޔޫއޭއީގެ ސަރުކާރުން އަދި މިހާތަނަށް އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެ އެވެ.
އީރާނުގެ އަސްކަރިއްޔާއިން އަލް ދާފްރާ އެއާބޭސް ސިފަކޮށްފައި ވަނީ، މެދުއިރުމަތީގެ ސަރަހައްދުގައި އެމެރިކާއިން ހިންގަމުންދާ އަސްކަރީ ޖަރީމާތަކުގެ މައި މަރުކަޒުގެ ގޮތުގަ އެވެ. އަދި އެ މަރުކަޒަކީ ވައިގެ މަގުން ހަމަލާތައް ދިނުމަށާއި، ޖާސޫސީ މައުލޫމާތު އެއްކުރުމުގެ އިތުރުން މުޅި ސަރަހައްދު މޮނިޓާކޮށް އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް ވާގިވެރިވުމަށް ބޭނުންކުރާ މައި މަރުކަޒު ކަމަށް ވެސް އައިއާރުޖީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި ހަމަލާތައް ދޭން މަޖުބޫރުވި ސަބަބެއް ކަމަށް އީރާނުން ހާމަކުރި ގޮތުގައި، އެއީ އީރާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާތަކާއި، ކައިވެނި ހަފްލާއަކަށް އަމާޒުކޮށް އެމެރިކާ ސިފައިން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުންނެވެ.
މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ ނުތަނަވަސްކަން ބޮޑުވެފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާއިން ވެސް އަދި މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް ރަސްމީ ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
ހަލާލް ޓޫރިޒަމް ފުޅާކުރަން އައިސީސީޑީއާއެކު މަޝްވަރާކުރައްވައިފި
އާ "ވޮންޑަ ވުމަން"އަށް ގާލް ގެޑޮޓްގެ ހެޔޮ އެދުންތައް ފޮނުވައިފި
އައު އިސްލާހާއެކު މަހަކު 10 މިލިއަން ރުފިޔާ ގެއްލޭނެ: އާޒިމް
