އީރާން އިގްތިސާދީ ގޮތުން އެކަހެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނައިން ސާފުނުކުރާ ތެޔޮ އެތެރެކުރާ ގައުމަށް ވާއިރު، އެ ގައުމަކީ ތާރީހީ ގޮތުން އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ގައުމެވެ. އެހެންކަމުން އީރާނަށް އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރުމަށް ވޮޝިންޓަނުން ކުރާ މަސައްކަތުގައި ބެއިޖިންއަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ހޮރްމުޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރާ މިންވަރު، އީރާނާއެކު ހިނގި ހަނގުރާމައިގެ ކުރިން ހުރި މިންވަރާ ގާތްގަނޑަކަށް އެއްވަރުވެފައިވާ ކަމަށްވެސް ވެންސް ވަނީ ވިދާޅުވެފަ އެވެ. އަދި އެ އިސްތިރާތީޖީ ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް މިހާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ތިން މަސް ކުރިއަށް ބަލާއިރު، އީރާނުގެ ބިރުދެއްކުންތަކާ ހުރެ އެ ކަނޑުއޮޅިން ބޭރުކުރެވެނީ ކިހާ ތެލެއްތޯ؟ އޭރު އޮތީ ގާތްގަނޑަކަށް ހުއްޓިފައި. ނަމަވެސް މިހާރު މިވަނީ ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް އިއާދަވާން ފަށާފައި،" ވައިޓް ހައުސްގައި ބޭއްވި ބްރީފިންއެއްގައި ވެންސް ވިދާޅުވި އެވެ.

ވެންސް ވިދާޅުވި ގޮތުގައި ހޮރްމުޒް ކަނޑުއޮޅީގެ މައްޗަށް އޮތް އީރާނުގެ ބާރު މިހާރު ވަނީ އަމަލީ ގޮތުން ނެތިގޮސްފަ އެވެ. އަދި އީރާނުން އުޅަނދުފަހަރަށް ހަމަލާދިނުން ހުއްޓާނުލަނީސް އެ ގައުމާއެކު އެމެރިކާއިން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ދެކުނުގައި އޮތް ކައިވެނި ހަފުލާއަކަށް ދިން ކަމަށް ބުނާ ހަމަލާއެއް އެމެރިކާއިން ތަހުގީގު ކުރަމުންދާ ކަމަށްވެސް ވެންސް ވިދާޅުވި އެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ހަމަލާގައި ކުޑަކުއްޖަކާއެކު ހަތަރު މީހުން މަރުވެ، 68 މީހުން ވަނީ ޒަހަމްވެފަ އެވެ.

މި ހަމަލާ އަމާޒުވެފައިވަނީ ހޮރްމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ކުހެސްތާކްގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ކައިވެނި ހަފުލާއަކަށެވެ. އީރާނުން މިކަމުގެ ޒިންމާ އެމެރިކާގެ ބޮލުގައި އަޅުވައި، މިއީ ހަނގުރާމައިގެ ކުށެއް ކަމަށް ވަނީ ސިފަކޮށްފަ އެވެ.

"އަޅުގަނޑުމެން އެކަން ތަހުގީގު ކުރަމުންދާކަން އެނގޭ،" މި ހާދިސާއާ ގުޅޭގޮތުން އީރާނުން ދައްކާ ވާހަކަތަކާމެދު ޝައްކު އުފައްދަވަމުން ވެންސް ވިދާޅުވި އެވެ. "އަޅުގަނޑު ބުނާނީ، މިހާތަނަށް ހިނގާފައިވާ ހަމަނުޖެހުންތަކުގެ ހަބަރުތައް ފެތުރުމުގައި އީރާނުގެ ދައުލަތުގެ މީޑިއާއަކީ އިތުބާރު ހުރި ބައެއް ނޫން. އެހެންކަމުން މި ވާހަކައާމެދު އަޅުގަނޑު އިންތިހާއަށް ޝައްކުކުރަން." އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މި ހަމަލާއާ ގުޅޭގޮތުން ސީދާ އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އެމެރިކާގެ ސިފައިން ދުވަހަކުވެސް އާންމުންނަށް އަމާޒުކޮށް ހަމަލާ ނުދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މި ކުރިމަތިލުންތައް ހިނގަމުން މިދަނީ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭން ފެށި ބޮމުގެ ހަމަލާތަކަށްފަހު، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އޭޕްރީލް މަހު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު ވަރުގަދަ ހަމަލާތައް ނިމުމަކަށް އައި ނަމަވެސް، ހާއްސަކޮށް ހޮރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ.