އީރާނަށް ކުރިމަތިކުރާ އިގްތިސާދީ ޕްރެޝަރު އިތުރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފަށާފައިވާ ކެމްޕޭނުގެ ދަށުން، ތުރުކީގެ އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ "ގޯލްޑަން ގްލޯބަލް ޔަޓިރިމް ބޭންކާސީ" އަށާއި އެ ބޭންކުގެ ދެ ސަބްސިޑިއަރީ ކުންފުންޏަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ހާމަކޮށްފި އެވެ.

ޓްރެޜަރީން ބުނި ގޮތުގައި މި ބޭންކަށް ފިޔަވަޅު އެޅީ، ޗައިނާއާއި އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ގުދުސް ފޯސްއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކަށް މަގުފަހިކޮށްދީ އެހީތެރިވަމުންދާތީ އެވެ. މިއީ ނޭޓޯގެ މެންބަރު ގައުމެއްގެ ބޭންކަކަށް މި ކެމްޕޭނުގެ ދަށުން އެމެރިކާއިން ފިޔަވަޅު އެޅި ފުރަތަމަ ފަހަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ފިޔަވަޅުތަކާއެކު މި ކުންފުނިތައް ވަނީ އެމެރިކާ ޑޮލަރު ބޭނުންކުރާ މާލީ ނިޒާމުން އެކަހެރިކޮށްފަ އެވެ. އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އީރާނުގެ ނުފޫޒުތައް ހުއްޓުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށާއި، މިފަދަ މުއާމަލާތްތައް ހިންގާ ހުރިހާ ފަރާތްތަކެއް ހޯދައި ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

ނަމަވެސް، ތުރުކީގެ މި ބޭންކުން ވަނީ އެމެރިކާގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެ ބޭންކުން ބުނި ގޮތުގައި އެމެރިކާގެ ލިސްޓުގައި ހިމެނޭ އެއްވެސް ފަރާތަކާ އެކު އެ ބޭންކުން މުއާމަލާތެއް ހިންގާފައެއް ނުވެ އެވެ. އަދި މި ނިންމުމާ ދެކޮޅަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށްވެސް އެ ބޭންކުން ބުނެފައިވެ އެވެ.

އެމެރިކާއިން އީރާނަށް ކުރަމުންދާ މިފަދަ ފިއްތުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށާއި އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ އިންޒާރު މާލީ ދާއިރާގެ މާހިރުން ދަނީ ދެމުންނަ އެވެ. އެގޮތުން އީރާނުން މިކަމަށް ރައްދު ހަމަލާއެއް ދީފިނަމަ، އޭގެ ސަބަބުން ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް މާހިރުން ލަފާކުރެ އެވެ.