އީރާނާއެކު ކުރަމުންދާ ހަނގުރާމައަށް ހަ މަސް ފުރެން ކައިރިވެފައިވަނިކޮށް، ތެހެރާނަށް ދެމުންދާ އިގްތިސާދީ ފިއްތުންތައް އެމެރިކާއިން ވަނީ އިންތިހާއަށް އިތުރުކޮށްފަ އެވެ. މިގޮތުން، އީރާނާއެކު ވިޔަފާރީގެ ގުޅުން ބާއްވާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ކުންފުނިތަކާއި ގައުމުތަކާ ދެކޮޅަށް އެޅޭނެ 'ސެކަންޑަރީ ސެންކްޝަންސް' ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކުރަން ނިންމާފައިވާކަން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހޯމަ ދުވަހު ވަނީ އިއުލާނުކޮށްފަ އެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި ނިންމުމަކީ އީރާނާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑާލުމަށް ގައުމުތަކަށް ދެވޭ އެންމެ ފަހުގެ އިންޒާރު ނުވަތަ "އިގްތިސާދީ ޑީ-ޑޭ" އެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. މި އެންގުމަށް އިޖާބަ ނުދޭ ގައުމުތަކާއި ކުންފުނިތަކަށް ޑޮލަރުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގްވާމީ މާލީ ނިޒާމުގެ ތެރެއިން އެކަހެރިވުމުގެ ނުރައްކާ އޮންނާނެއެވެ.
"އަޅުގަނޑުމެން މި ފަށަނީ އީރާނުގެ ބައިނަލްއަގްވާމީ މާލީ ގުޅުންތަކަށް އަމާޒުކޮށްދޭ ވަރުގަދަ އިގްތިސާދީ ހަމަލާއެއް. އަޅުގަނޑުމެންގެ މަގްސަދަކީ، ތެހެރާން އެކަހެރިވެއްޖެކަން އިހްސާސް ކުރެވޭ ހިސާބަށް، އެ އަނިޔާވެރި ސަރުކާރު ދަމަހައްޓާ ކޮންމެ އިގްތިސާދީ ވަސީލަތެއް ބަންދުކޮށްލުން،" ބެސެންޓް ވިދާޅުވި އެވެ.
އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ އީރާނުން ތެޔޮ ވަގަށް ބޭރުކުރުމަށާއި ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް ބޭނުންކުރާ ވިއުގަތަކާއި، އެހީތެރިވާ ފަރާތްތަކާއި، މާލީ މަގުތައް ދެނެގަނެފަ އެވެ. އަދި އީރާނަށް ލިބޭ ޣައިރުގާނޫނީ އާމްދަނީ ގެ ހުރިހާ މަސްދަރުތަކަކަށް އަމާޒުކޮށް، އެމެރިކާގެ ބައިވެރިންނާއެކު މަސައްކަތް ކުރަމުންދާނެ ކަމަށް ވޮޝިންޓަނުން ބުނެފައިވެއެވެ.
އީރާނުގެ އިގްތިސާދު ދަމަހައްޓަން އެ ގައުމުގެ ސަރުކާރުން ބޭނުންކުރާ ފަސް ދާއިރާއަކަށް އަމާޒުކޮށް ފިޔަވަޅު އަޅަން ނިންމާފައިވާކަން ޓްރެޜަރީން ހާމަކުރި އެވެ. އެއީ ޑިޖިޓަލް އެސެޓްސް، ޓެކްނޮލޮޖީ، ރަން، އޭވިއޭޝަން އަދި ކަނޑުދަތުރުފަތުރުގެ ދާއިރާ އެވެ. މީގެ އިތުރުން، ގާތްގަނޑަކަށް 60 ކުންފުންޏަކާއި، އަމިއްލަ ފަރުދުންނާއި އުޅަނދުފަހަރާ ދެކޮޅަށް ވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.
ޗައިނާއަކީ ގިނަ އަހަރުތަކެއް ވަންދެން އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ޤައުމެވެ. ޗައިނާއިން ތެޔޮ ގަތުން ހުއްޓުވުމަށް އެމެރިކާއިން ކުރާ މަސައްކަތް ވަނީ ވަރުގަދަކޮށްފަ އެވެ. ނަމަވެސް، މި ވިޔަފާރީގައި އެހީތެރިވާ ޗައިނާގެ ބޮޑެތި ބޭންކުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވޮޝިންޓަނުން އަދި ފަސްޖެހެއެވެ.
އީރާނާއެކު ޓްރަމްޕް ކުރައްވަމުން ގެންދަވާ ހަނގުރާމައަށް ހަ މަސް ފުރެން ކައިރިވެފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އުފުލިފަ އެވެ. ވަރުގަދަ ކުރިމަތިލުންތައް މަޑުޖެހިފައިވީ ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި ހޮރްމުޒް ކަނޑުއޮޅިން ތެލާއި ރޯމެޓީރިއަލް އުފުލުން ބަންދުވެފައި އޮތުމުން، ހަކަތައިގެ އަގުތައް އަދިވެސް ހުރީ މަތީގަ އެވެ.
ރޮއިޓާސް/އިޕްސޯސް އިން އެންމެ ފަހުން ނެގި ހިޔާލު ހޯދުމުގެ ވޯޓުން ދައްކާގޮތުގައި، ރައީސް ޓްރަމްޕަށް އޮތް ތާއީދު ވަނީ 33 އިންސައްތައަށް ދަށްވެފަ އެވެ. ނަމަވެސް، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށްޓަކައި މިފަދަ އިގްތިސާދީ ގުރުބާނީތަކެއް ވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވެއެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާތާ އެތައް އަހަރެއް ވެފައިވާއިރު، މީގެ ބޭނުމަކީ އެ ޤައުމުގެ ތެލުގެ އާމްދަނީއާއި، އޭވިއޭޝަން ދާއިރާއާއި، ކްރިޕްޓޯކަރަންސީއާއި، ހަތިޔާރު އުފައްދަން ބޭނުންވާ ސާމާނު ހޯދުން ހުއްޓުވުމެވެ. އަދި އީރާނުގެ އިގްތިސާދުގައި ބޮޑު ބާރެއް އޮންނަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ދަށުން ހިންގާ ވިޔަފާރިތަކަށް ލިބޭ ފައިސާ މެދުކަނޑާލުމެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން، ކަނޑައެޅޭ ފަރާތްތަކަށް ޑޮލަރު ބޭނުންކޮށްގެން މުއާމަލާތް ކުރުން މަނާކުރެއެވެ. ނަމަވެސް، މި ފިޔަވަޅުތަކުން ރެކުމަށްޓަކައި އީރާނުން ދަނީ އަވަސް އަވަހަށް އާ ފްރަންޓް ކުންފުނިތަކާއި އުޅަނދުފަހަރު ރަޖިސްޓްރީ ކުރަމުންނެވެ.
އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ މިޑްލް އީސްޓް އެންޑް ނޯތު އެފްރިކާގެ ޑެޕިއުޓީ ޕްރޮގްރާމް ޑައިރެކްޓަރު އަލީ ވާއިޒް ވިދާޅުވީ، އީރާނަށް އެންމެ ބޮޑަށް ބަލިކަށިވެފައިވާ ވަގުތެއްގައި އެމެރިކާ ސަރުކާރުން ދަނީ އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރަމުން ކަމަށެވެ.
ވާއިޒް ވިދާޅުވީ، އެމެރިކާއިން މަސައްކަތް ކުރަނީ އީރާނުގެ އިގްތިސާދު ފުނޑާލުމަށްޓަކައި ހަތަރު ދިމާލަކުން ފިއްތުންތައް ކުރިމަތިކުރުމަށެވެ. އެއީ ކަނޑުގެ ސަރަހައްދު ބަންދުކުރުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމާއި، ހަނގުރާމައިގެ ގެއްލުންތަކާއި، އަދި އެ ގައުމުގެ އެތެރޭގެ އިގްތިސާދީ މައްސަލަތަކެވެ.
އޭނާ އިތުރަށް ވިދާޅުވީ، އީރާނަށް މީގެ ކުރިން ވެސް މިފަދަ ކަންކަމާ ކުރިމަތިލާން ޖެހުނު ނަމަވެސް، މި ހުރިހާ ކަމެއް އެއްފަހަރާ ކުރިމަތިވެފައިވަނީ ވަރަށް މަދު ފަހަރަކު ކަމަށެވެ. އަދި އީރާނުން ދެކެނީ މި ފިއްތުންތަކަށް ކެތްކުރެވޭނެ ކަމަށް ކަމަށާއި، މީގެ ރައްދުގައި އަސްކަރީ ފިޔަވަޅެއް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އީރާނަށް ބޮޑެތި ތަދުތަކެއް ދިނުމުގެ ޤާބިލުކަން ވޮޝިންޓަނަށް އޮތްކަމާމެދު ޝައްކެއް ނެތް. ނަމަވެސް ތެހެރާނުން ގަބޫލުކުރަނީ މިކަންކަމަށް ކެތްކުރުމުގެ ބާރު އެމީހުންގެ ކިބައިގައި އެބަހުރި ކަމަށާއި، އިގްތިސާދީ ފިއްތުންތަކަށް އަސްކަރީ ގޮތުން ރައްދު ދެވިދާނެ ކަމަށް،" ވާއިޒް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު އުފެދޭ ސުވާލަކީ މި އިގްތިސާދީ ހަނގުރާމައިގެ ބޭނުމަކީ އީރާނުގެ ސަރުކާރު ވައްޓާލުންތޯ ނުވަތަ އެއްބަސްވުމަކަށް އައުމަށްޓަކައި ބޭނުންކުރާ ވަސީލަތެއްތޯ އެވެ.
ތިނަދޫ-ކާޑެއްދޫ ބްރިޖުން ފަތުރުވެރިކަމަށް ހުރަސްއެޅޭނެ: ޔާމީން
ބާ ފޮތްތަކުން ދުވާ "މީރު" ވަހުގެ ސިއްރަކީ ކޮބާ؟
"މައިކަލް"ގެ ސީކުއަލްގައި ޖިންސީ ގޯނާގެ ތުހުމަތުތަކަށް ނަޒަރެއް!
