ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މެސެޖެއް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ޕީއެންސީން އެންމެ ފަހުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މެންބަރު ޝުޖާއު ވިދާޅުވެފައި ވަނީ ސަރުކާރުގެ ތިން މިނިސްޓަރަކު އޭނާއަށް ގުޅުއްވައި ރައީސް ޔާމީނަށް މެސެޖުތަކެއް ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެގޮތުން، ގައުމީ އެއާލައިނަށް ވައިޑް ބޮޑީގެ ދެވަނަ އެއާކްރާފްޓް ގެނައުމަށް ތައްޔާރުވެފައިވާ ވާހަކަ ރައީސް ޔާމީނަށް ދެންނެވުމަށް މިނިސްޓަރު އަމީން އެދިވަޑައިގެންނެވި ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ނަމަވެސް، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ދެންނެވުމުން މިނިސްޓަރު އަމީން އެންމެ ފުރަތަމަ ވެސް ވިދާޅުވީ، އެއްވެސް ބޭފުޅަކު މެދުވެރިކުރައްވައި އެއްވެސް ފަރާތަކަށް މެސެޖެއް ފޮނުއްވަން ދުވަހަކުވެސް ވިދާޅުވެފައި ނުވާނެ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެ ނޫސްވެރިންގެ ބައްދަލުވުމަކީ ޓޫރިޒަމް މިނިސްޓްރީގެ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އަދި އެތަނުގައި އިންނެވީ މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށްވާއިރު، އެ ސުވާލަކީ ޒާތީ ކަމަކާ ގުޅޭ ސުވާލެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް، ނޫސްވެރިޔާ ދެވަނަ ފަހަރަށް އެ ސުވާލު ތަކުރާރުކުރުމުން މިނިސްޓަރު އަމީން ވިދާޅުވީ، ކޮންމެ ބޭފުޅަކު ވިދާޅުވި ނަމަވެސް ގައުމީ އެއާލައިނުން ވައިޑް ބޮޑީ މަތިންދާބޯޓު ގެނައުމަކީ އެންމެން ވެސް ފަހުރުވެރިވާންޖެހޭނެ ފަދަ ރަނގަޅު ކަމެއް ކަމަށެވެ.

މީގެ އިތުރުން ވެސް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވީ، އެއްވެސް މީހަކު މެދުވެރިކޮށް އެއްވެސް ބާވަތެއްގެ މެސެޖެއް ފޮނުއްވުމުގެ އެއްވެސް ބޭނުމެއް އޭނާއަށް ނެތް ކަމަށެވެ. އަދި މި މައްސަލައިގެ ހަގީގަތް އިތުރަށް ދިރާސާކޮށް ގޮތް ނިންމުމުގެ ޒިންމާ ދޫކޮށްލެއްވީ ނޫސްވެރިންނަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.