މާ ހޫނުކޮށް ހުންނަ ސައި، ކޮފީ އަދި އެހެނިހެން ހޫނު ބުއިންތައް ބުއިމަކީ ކާނާ ދަތުރުކުރާ ހޮޅިއަށް (އެސޮފެގަސްއަށް) ޖެހޭ ކެންސަރުގެ ނުރައްކާ ތިން ގުނައަށް ބޮޑުކޮށްދޭ ކަމެއްކަން އައު ދިރާސާއަކުން ހާމަވެއްޖެ އެވެ.
އިންޓަރނޭޝަނަލް ޖާނަލް އޮފް ކެންސާގައި ޝާއިއު ކޮށްފައިވާ މި ބޮޑު ދިރާސާގައި އިނގިރޭސިވިލާތުގެ މިލިއަނަކަށްވުރެ ގިނަ މީހުންގެ މައުލޫމާތު ވަނީ ބޭނުން ކޮށްފަ އެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދިރާސާއިން ދައްކާގޮތުން ބުއިންތައް "ހޫނުކޮށް" ބޯ މީހުންނަށް ކާތަކެތި ދާ ހޮޅީގެ ކެންސަރުގެ ވައްތަރެއް ކަމަށްވާ "އެސޮފެގަލް ސްކޮއެމަސް ސެލް ކާސިނޯމާ" ޖެހުމުގެ ފުރުސަތު އާދަޔާ ހިލާފަށް ބޮޑެވެ.
އެއާއެކު ވަރަށް ބޮޑަށް ހޫނުކޮށް ބުއިންތައް ބޯ މީހުންނަށް މި ނުރައްކާ ތިން ގުނައަށް އިތުރު ވެގެންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ދަށުން މަސައްކަތްކުރާ ކެންސަރާ ބެހޭ ބައިނަލްއަގްވާމީ އިދާރާއިން މީގެ ކުރިންވެސް ވަނީ 65 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގެ ހޫނުމިނުގައި ހުންނަ ބުއިންތަކަކީ އިންސާނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު އޮތް އެއްޗެއްގެ ގޮތުގައި ފާހަގަ ކޮށްފަ އެވެ.
މި ދިރާސާ އިސްކޮށް ކުރިއަށް ގެންދިޔަ އޮކްސްފޯޑް ޔުނިވަރސިޓީގެ ސިނިއާ އެޕިޑީމިއޮލޮޖިސްޓް ކެރެން ޕަޕިއާ ވިދާޅުވި ގޮތުގައި، މިއީ މިފަދަ ކަންކަމާ ގުޅޭގޮތުން މިހާތަނަށް ހެދުނު އެންމެ ބޮޑު އެއް ދިރާސާ އެވެ.
މީގެ އިތުރުން، ދުވާލެއްގެ މައްޗަށް ހޫނު ބުއިންތައް ބޯ މިންވަރުވެސް މުހިންމު ދައުރެއް އަދާކުރާކަން ދިރާސާއިން ދައްކަ އެވެ. ހޫނުމިނަށް ބަލައިގެން ދިރާސާ ކުރިއިރު، ދުވާލަކު 6 ފަހަރަށްވުރެ ގިނައިން ހޫނު ބުއިންތައް ބޯ މީހުންނަށް، އެއަށްވުރެ މަދުން ބޯ މީހުންނާ އަޅާބަލާއިރު ކެންސަރުގެ ނުރައްކާ 71 ޕަސެންޓް އިތުރުވާކަން ވަނީ ހާމަވެފަ އެވެ.
ނަމަވެސް، މާހިރުން ނަސޭހަތްތެރިވަނީ މިކަމާހުރެ މާބޮޑަށް ކަންބޮޑުވެ، ސައި ނުވަތަ ކޮފީ ބުއިން މުޅިން ހުއްޓާލަން ނުޖެހޭ ކަމަށެވެ.
މިއީ ވަރަށް ފަސޭހައިން ހައްލުކުރެވޭނެ ކަމެއް ކަމަށާއި، ބުއިންތައް ކުޑަކޮށް ފިނިވުމަށް ނުވަތަ މާބޮޑަށް ހޫނުކޮށް ނުބޮއެ ކުޑަކޮށް މަޑުކޮށްލުމުން ފުދޭ ކަމަށް މާހިރުން ލަފާދެ އެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރަަކަށް ވެފައި މި ދުވަސްވަރު ހޫނު އެއްޗެއް ބޯލުމަކީ ގިނަ ބަޔަކު ކުރާ ކަމަކަށް ވާއިރު އެކަމުގައި އޮތް ސިއްހީ ނުރައްކާތަކަށް ވިސްނާލުން މުހިއްމެވެ.
ރާއްޖޭގެ ފުރަތަމަ ޖޫނިއާ ލައިފްގާޑް ޕްރޮގްރާމް ފަށައިފި
ސުކޫކު ދެއްކިތާ ހަ މަސް ނުވަނީސް ދަރަނި 100 ބިލިއަނަށް
ޕްރިތީ އޭނާގެ އަމިއްލަ ފިލްމުތައް ނުބަލާ ސަބަބު!