ހަށިގަނޑުގެ ބަރުދަން އަވަހަށް ލުއި ކޮށްލުމުގެ ބޭނުމުގައި ވަރަށް ބޮޑަށް ކެއުން މަދުކޮށް، ނުވަތަ ވަކި ކަހަލަ ބާވަތްތައް އެއްކޮށް ހުއްޓާލައިގެން ކުރާ ކަންކަމަށް (ކްރެޝް ޑައިޓް ކުރުމަށް) ގިނަ ބަޔަކު ސަމާލުކަންދެ އެވެ.

ނަމަވެސް މިއީ ލޭގެ ސެލްތައް އުފެއްދުމަށާއި ޖިސްމާނީ ދުޅަހެޔޮކަމަށް ކިހާ ވަރެއްގެ ނުރައްކަލެއް އޮތް ކަމެއް ކަމާމެދު ވިސްނާލެވެނީ މަދު ބަޔަކަށެވެ.

އޮންކޮލޮޖީ (ކެންސަރު ބަލީގެ) ހާއްސަ ޑޮކްޓަރުން ބަޔާންކުރާ ގޮތުގައި ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ނުލިބޭ ގޮތަށް ކުއްލިއަކަށް ކެއުން މަދު ކުރުމަކީ ލޭ އުފެއްދުމުގެ ނިޒާމަށް (ބޯންމެރޯ އަށް) ވަރަށް ބޮޑަށް އަސަރު ކުރުވާ ކަމެކެވެ.

ލޭގެ ރަތް ސެލް، ހުދު ސެލް އަދި ޕްލޭޓްލެޓްސް އުފެއްދުމަށް ހަށިގަނޑަށް ވިޓަމިންތަކާއި މިނަރަލްސް އަދި އެހެނިހެން މާއްދާތައް ކޮންމެހެން ބޭނުންވެ އެވެ.

އެކަށީގެންވާ ވަރަށް ކާނާ ނުލިބުމުގެ ސަބަބުން ލޭ މަދުވުން (އެނީމިއާ) ފަދަ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ލޭގެ ކެންސަރުފަދަ ނުރައްކާތެރި ބަލިތަކާ މިފަދަ ކަންކަމާ ހުރި ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޑޮކްޓަރުން ފާހަގަ ކުރަނީ، ދިގު މުއްދަތަކަށް ހަށިގަނޑަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ސެލްތަކުގެ މަސައްކަތަށް ބުރޫއަރައި ބަލިތަކަށް މަގުފަހިވެދާނެ ކަމަށެވެ.

އަވަހަށް ބަރުދަން ލުއިކޮށްލުމަށްވުރެ، ސިއްހީ ރަނގަޅު އާދަތަކުގެ މައްޗަށް ބިނާކޮށް ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަކީ މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު މަގެވެ.