މާލެ ކައިރިން އޮޔާ ގޮސް މާލޭގެ ފަރަށާއި ސިނަމާލެ ބްރިޖުގައި ޖެހުނު ބޭރުގެ ދެ ބޯޓުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ސާވޭ ނުފެށި ލަސްވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެންވަޔަރްމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު މިއަދު ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައި ގަދަ ކޮޅިގަނޑެއްގައި ނަގިލި ކަހާލައިގެން ދިޔަ ދެ ބޯޓު އެރި ސަރަހައްދުގެ ސާވޭ ނުފެށި އޮތީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ލަފާގެ މަތިން މޫސުން ގޯސްވުމުން ކަމަށެވެ. އަދި މޫސުން ރަނގަޅުވުމާއެކު ފަރަށް ލިބުނު ގެއްލުންތައް ބަލަން ހަދަންޖެހޭ އެސެސްމެންޓް މާހިރުންގެ އެހީގައި ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭއެލް 1 އަދި އެމްޓީ ކޭޖީ 1 ނަމަކަށް ކިޔާ މި ދެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށެވެ. އެ ހާދިސާގައި ފަރުގެ ބޮޑު ސަރަހައްދެއް އެއްކޮށް އޮމާންވެ، ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އޭގެފަހުން ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގެ ދަށުން ދިޔައިރު، އެތަނުން އެއް ބޯޓުގެ އެންޓެނާއަކާއި ނެވިގޭޝަން ލައިޓެއް ބްރިޖުގައި ޖެހިފައިވާ ކަމަށް ބެލެވެ އެވެ.

މިދިޔަ އެޕްރީލް މަހުގެ 26 ގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މާލެ ކައިރީގައި އަޅާފައި އޮތް މި ދެ ބޯޓަކީ ހާލުގައި ޖެހިފައިވާ ބަޔަކު އުޅޭތާ އެތައް ދުވަހެއް ވެފައިވާ ދެ ބޯޓެވެ. ވަރަށް ބާވެ ދިޔަވުމުގެ ސަބަބުން މި ދެ ބޯޓު ވަނީ މާލެއަތޮޅު ބޭރުން 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ގޮސްފަ އެވެ. އެމްއެންޑީއެފުން ވަނީ ބޯޓުގައި ތިބި ފަޅުވެރިން ސަލާމަތްކޮށްފަ އެވެ.