ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް އަދި ކާޑެއްދޫ އެއާޕޯޓު ހިންގުމުގައި ކުރިން އިސްކޮށް އުޅުއްވި އަހުމަދު ހަބީބު، މިނިސްޓަރު ފެންވަރުގެ މަގާމުތަކަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މުހައްމަދު ތޮލާލް ހަމަޖައްސަވާފައި ވަނީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށެވެ. މި ބަދަލާއެކު، މީގެ ކުރިން އޭނާ ފުރުއްވަމުން ގެންދެވި ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމު މިހާރު ވަނީ ހުސްވެފަ އެވެ.
ތޮލާލަކީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން، ވޭތުވެދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނުގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފަ އެވެ.
މީގެ އިތުރުން، އަހުމަދު ހަބީބު އައްޔަނުކުރައްވާފައި ވަނީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. މި މަގާމުގައި މީގެ ކުރިން ހުންނެވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. ނާޒިމް އެ މަގާމުން މިއަދުގެ ވަގުތެއްގައި ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
މިއަދު މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ އިސް މަގާމަކަށް ހަމަޖެއްސެވި ހަބީބަކީ ވިލާ އެއާގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ހަބީބު ވަނީ އަދާކުރައްވާފަ އެވެ.
14 އަހަރަށްފަހު އެރިއާނާގެ ހެއާ ސްޓައިލް ބަދަލު ކޮށްލައިފި
"ލިޒާޑް މިއުޒިކް"ގައި ދަ ރޮކް: ވަކި ކުރަން ވެސް ނޭނގޭ!
އާރަވްއާއި އަނަންޔާގެ އާ ފޮޓޯތަކާއެކު ލޯބީގެ އަޑުތައް ގަދަވެއްޖެ