ޣައްޒާ (17 މެއި) - އިޒްރޭލުން މިއަދު ދިން ހަމަލާއެއްގައި ފަލަސްތީނުގެ ޣައްޒާގެ މުޖާހިދު ޖަމާއަތެއް ކަމަށްވާ އިސްލާމީ ޖިހާދުގެ އިސް ކޮމާންޑަރަކު ޝަހީދު ކޮށްލައިފި އެވެ.

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން އިސްލާމީ ޖިހާދުގެ އިސް ކޮމާންޑަރެއް ކަމަށްވާ ހުއްސާމް އަބޫ ހަރުބީދު ޝަހީދު ކޮށްލާފައި މިވަނީ އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު ހޫނުވެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ.

ހުއްސާމް އަބޫ ހަރުބީދު ގަތުލު ކުރިކަން ޔަގީންކޮށް ދެމުން އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަރްބީދުއަކީ އިޒްރޭލުގެ އާއްމުންނަށް އަމާޒުކޮށް ފަލަސްތީނުން ފޮނުވި ގިނަ އެންޓި ޓޭކް މިސައިލްތަކުގެ ފަހަތުގައިވާ ފަރާތް ކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން އެއިން އެއް މިސައިލަކީ ކުރިމަތިލުންތަކުގެ ފުރަތަމަ ދުވަހު އިޒްރޭލަށް އަމާޒުވި މިސައިލް އެކެވެ.

ހަރުބީދަކީ އިސްލާމީ ޖިހާދާއެކު 15 އަހަރު ވަންދެން ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތެކެވެ. -- އަލް އަރަބިއްޔާ