އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު އެމެރިކާގެ ނިއުޔޯކަށް ރޭ ފުރާވަޑައިގެންފި އެވެ.
މި ދަތުރަކީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާކޮށް، ދުނިޔޭގެ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރައްވާ މުހިންމު ދަތުރެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް، އދ. ގެ އާންމު މަޖިލީހުގެ ތެރެއިން ކުރިއަށްދާ މަތީ ފަންތީގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިގޮތުން، ދިވެހިރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވެވުމުގެ އިތުރުން، ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ގުޅޭގޮތުން ބާއްވާ މަޝްވަރާތަކުގައި ރާއްޖޭގެ ސިޔާސަތުތައް ހާމަކުރައްވާނެ އެވެ.
ނިއުޔޯކަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް، ދޭދޭ ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި ގިނަ ގައުމުތަކާ ގުޅިގެން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްގީ ފަދަ މުހިންމު ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އދ. ގެ އާންމު މަޖިލީހުގެ މި ސެޝަނަކީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށާއި، ބައިނަލްއަގުވާމީ މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރެވޭ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެކަނި ކެއުމަށްވުރެ މީހުންނާއެކު ކެއުމުން ސިއްހަތަށް ފައިދާކުރޭ!
8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި
ތަރިންނާ ލޯބީގެ ގޮތުން ގުޅުމާ ބެހޭގޮތުން ޑަކޯޓާ ބުނީ ކީކޭ؟
