"އަދި އެންމެ އެޕިސޯޑެއް ބަލާލާނީ" އޭ ބުނެ، ރޭގަނޑު ދަން ވަންދެން ފޯނާއި ޓީވީ ފަދަ ސްކްރީންތަކަށް ބެލުމަކީ މިއަދު އަހަރެމެންގެ ތެރޭގައި ވަރަށް އާންމުވެފައިވާ އާދައެކެވެ.

ނަމަވެސް، މަޝްހޫރު ނިއުރޯލޮޖިސްޓް (ނާރުގެ ހާއްސަ ޑޮކްޓަރު) ޑރ. ގިރީޝް ނައިރު ވިދާޅުވާ ގޮތުގައި، މިގޮތަށް ގިނައިރު ވަގުތު ސްކްރީންތަކާ ދިމާއަށް ބަލަހައްޓައިގެން ތިބުމަކީ އަހަރެމެންގެ ނިދުމުގެ ނިޒާމަށާއި ސިކުނޑީގެ ދުޅަހެޔޮ ކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.

ގިނައިރު ޑްރާމާ ނުވަތަ ސީރީޒްތައް ބަލަން އިނުމުން (ބިންޖް-ވޮޗިންގް) އާއި، ރޭގަނޑު ލަސް ވަންދެން ސްކްރީން ބޭނުން ކުރުމަކީ ސިކުނޑީގެ ގުދުރަތީ ހިނގުމަށް ބުރޫ އަރައި، ސިއްހީ ގިނަ މައްސަލަތަކަކަށް މަގުފަހިވާ ކަމެކެވެ.

ސްކްރީންތަކުގެ ސަބަބުން ނިދުމަށް އަސަރުކުރާ ގޮތް

ސްކްރީންތަކުން ދޫކުރާ ނޫކުލައިގެ އަލީގެ ސަބަބުން، ނިދުމަށް އެހީތެރިވެދޭ ހޯމޯން ކަމަށްވާ މެލަޓޮނިން އުފެއްދުން ސިކުނޑިން މަޑު ޖައްސާލަ އެވެ. މީގެ ސަބަބުން ސިކުނޑިއަށް އިހުސާސްވަނީ އަދިވެސް ދުވާލުގެ ވަގުތު ކަމަށެވެ.

ޝައުގުވެރި ސީރީޒްއެއް ނުވަތަ ވީޑިއޯއެއް ބަލާއިރު ސިކުނޑިން "ޑޯޕަމީން" އުފައްދަ އެވެ. މީގެ ސަބަބުން ސިކުނޑި ހޭލުންތެރިވެ، ނިދާ ގަޑި ޖެހުމުންވެސް ނިދަން އުނދަގޫވެ އެވެ.

ގަދަކަމުން ނިދިޔަސް، ސްކްރީން ބެލުމަށްފަހު ނިދުމުން ލިބެނީ އަރާމު ނިންޖެއް ނޫނެވެ. މީގެ ސަބަބުން ހެނދުނު ތެދުވާއިރު ވަރުބަލިކަން އިހުސާސްވެ އެވެ.

ނިދި މަދުވުމުގެ ނޭދެވޭ އަސަރުތައް

ޑޮކްޓަރު ގިރީޝް ނައިރު ފާހަގަކުރެއްވި ގޮތުގައި، އެކަށީގެންވާ ވަރަށް ނިދި ނުލިބުމަކީ ހަމައެކަނި ޖެހިގެން އަންނަ ދުވަހު ވަރުބަލި ވުމުން ނިމޭ ކަމެއް ނޫނެވެ.

"ގަވާއިދުން ނިދި މަދުވުމަކީ ހަނދާން ނެތުމުގެ މައްސަލަތަކާއި، ސަމާލުކަން ދޭން އުނދަގޫވުމާއި، ރުޅިގަދަވުމުގެ އިތުރުން ދިގު މުއްދަތުގައި ހިތުގެ ބަލިތަކާއި ހަކުރު ބައްޔަށް މަގުފަހި ކުރުވާ ކަމެއް" އޭނާ ވިދާޅުވި އެވެ.

ރަނގަޅު ނިންޖެއް ހޯދުމަށް ކުރެވިދާނެ ކަންކަން

ނިދަން އޮށޯތުމުގެ މަދުވެން އެއް ގަޑިއިރު ކުރިން ފޯނާއި، ޓީވީ އަދި ލެޕްޓޮޕް ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލުމަކީ މުހިންމު ކަމެކެވެ. އަދި ނިދާ ކޮޓަރިއަކީ އަނދިރި، އަދި ހަމަޖެހޭ ތަނަކަށް ހަދައި، ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގައި ނިދައި، އެއް ގަޑިއެއްގައި ތެދުވުމުގެ އާދަ ހަރުދަނާ ކުރަން ޖެހެ އެވެ.

ރޭގަނޑު އޮށޯންނަމުން ފޯނު ބެލުމުގެ ބަދަލުގައި ފޮތެއް ކިޔުން ނުވަތަ ގުރުއާން އަޑުއެހުން ފަދަ ސިކުނޑިއަށް އަރާމުލިބޭ ކަންކަމަށް އިސްކަން ދިނުން ބޭނުންތެރި އެވެ.