އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސެޕްޓެމްބަރު 22 ވަނަ ދުވަހު އދ. ގެ އާންމު މަޖިލީހުގައި ދެއްވި ތަގުރީރުގައި އީރާނާ ދެކޮޅަށް ކުރައްވާ ހަނގުރާމައިގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުން، ތެހެރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އިސްލާމީ ޖުމްހޫރިއްޔާ ފަނާކޮށްލުމުގެ ބާރު އެބައޮތް ކަމަށް ވިދާޅުވެ އިންޒާރު ދެއްވި އެވެ.

އެމެރިކާގެ މިޑްޓާމް އިންތިހާބަށްފަހު އީރާނާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވޭނެ ކަމަށް ލަފާކުރައްވަމުން، އީރާނު މަޝްވަރާގެ މޭޒަށް ގެނައުމަށްޓަކައި އެ ގައުމު އިގްތިސާދީގޮތުން އެކަހެރިކުރުމުގައި އެމެރިކާއާ ބައިވެރިވުމަށް އެހެން ގައުމުތަކަށް ޓްރަމްޕް ގޮވާލެއްވި އެވެ.

"އަޅުގަނޑަށް މިވަނީ ބޮޑު ނިންމުމެއް ނިންމަން ޖެހިފައި. އީރާނަށް އަލުން އާރާސްތުވެ، ކުރިއަށްވުރެ މާ ވަރުގަދަ ގައުމެއްގެ ގޮތުގައި ބިނާވުމުގެ ފުރުސަތު ލިބޭނެ އެއްބަސްވުމެއް ގާއިމުކުރާނީތޯ؟"

"ނޫންނަމަ، އެމީހުންނަށް އަލުން މީހުން މަރައި، ގައުމުތައް ސުންނާފަތި ކުރުމުގެ ފުރުސަތު ނުދީ، މާ ލަސްތަކެއް ނުކޮށް އިސްލާމީ ޖުމްހޫރިއްޔާ މުޅިން ފަނާކޮށްލާނީތޯ؟" ޓްރަމްޕް ސުވާލު އުފެއްދެވި އެވެ.

2025 ވަނަ އަހަރު ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޓްރަމްޕް ވަނީ ބައިނަލްއަގުވާމީ މަސްރަހަށް ބޮޑެތި ލޮޅުންތަކެއް އަރުވާފަ އެވެ. އެގޮތުން އިޒްރޭލާ ގުޅިގެން އީރާނަށް ހަމަލާދިނުމާއި، ވެނެޒުއޭލާގެ ލީޑަރު ހައްޔަރުކުރުމަށް އެ ގައުމަށް އަރައިގަތުމަށް އަމުރުކުރުމުގެ އިތުރުން ގްރީންލޭންޑް ހިފާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފަ އެވެ.

37 މިނެޓުގެ މި ތަގުރީރުގައި ޓްރަމްޕް ވަނީ އޭނާގެ ހާރިޖީ ސިޔާސަތު ހާމަކުރައްވާފަ އެވެ. އީރާނާއެކު ކުރާ ހަނގުރާމައިގެ ސަބަބުން ނިއުކްލިއާ ހަތިޔާރުގެ ނުރައްކަލުން ދުނިޔެ ސަލާމަތްވާނެ ކަމަށާއި، ހުޅަނގުގެ ގައުމުތަކުގައި އެމެރިކާގެ އަސްކަރީ ބާރުވެރިކަން ދެމެހެއްޓުމަކީ ކާރިސާތައް ހުއްޓުވުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެނެޒުއޭލާގައި އަޅުގަނޑުމެން އެޅި ފިޔަވަޅުތަކަކީ، ހުޅަނގުގެ އެއްވެސް ހިސާބެއްގައި އެމެރިކާއަށް ނުރައްކާވާ ފަދަ ކަމަކަށް ފުރުސަތު ނުދޭނެ ކަމުގެ ހެއްކެއް، އެހެން މީހުން ސުލްހައިގެ ވާހަކަ ދައްކާއިރު، އަޅުގަނޑު މިއީ ސުލްހަ ގާއިމުކުރި މީހާ." ޓްރަމްޕް ވިދާޅުވި އެވެ.

ކޮންގްރެސްގެ ކޮންޓްރޯލް ރިޕަބްލިކަން ޕާޓީއަށް ގެއްލިދާނެ ކަމަށް ބެލެވޭ މިޑްޓާމް އިންތިހާބުގެ ސަބަބުން، ހަނގުރާމައިގެ ކަންކަން ނިންމުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ޓްރަމްޕް މާ ބޮޑު ސަމާލުކަމެއް ނުދެއްވަ އެވެ. ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް ލިބިއްޖެނަމަ، މި ހަމަނުޖެހުމުގައި ޓްރަމްޕްގެ ނުފޫޒު ކުޑަވާނެ އެވެ.

"އެމީހުންނަށް ގަބޫލުނުކުރެވިގެން މިއުޅެނީ އަޅުގަނޑަކީ މިހާރު އިންތިހާބެއްގައި ވާދަކުރާ މީހެއް ނޫންކަން،" އީރާނުގެ ލީޑަޝިޕަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.

"އަޅުގަނޑު އިންތިހާބު ކާމިޔާބުކޮށްފިން. އަދި އެއީ ބޮޑު ތަފާތަކުން ހޯދި ކާމިޔާބީއެއް. ކުރިއަށް އޮތް ދެ އަހަރާއި ބައިގެ މުއްދަތަށް އަޅުގަނޑު މި މަގާމުގައި ހުންނާނަން." ޓްރަމްޕް ވިދާޅުވި އެވެ.

ހާރިޖީ ގުޅުންތަކުގެ ހަލަބޮލިކަން

އެމެރިކާގެ އަވަށްޓެރި ގައުމުތަކަށް އަމާޒުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މެކްސިކޯއަކީ "ކާޓެލްތަކުގެ އަނިޔާވެރިކަމުގެ މަރުކަޒު" ކަމުގައި ޓްރަމްޕް ސިފަކުރެއްވި އެވެ. އަދި އެ ގައުމުގެ ސަރުކާރުން ގައުމުގެ ފަސްގަނޑުގެ ކޮންޓްރޯލް އަލުން ހޯދުމަށް ބާރުއަޅުއްވައި، ކިއުބާގެ މަޝްރަހަށް ބޮޑު ބަދަލެއް ގެނައުމަށް އޭނާގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ކިއުބާއާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ފިއްތުންތަކާ ބެހޭގޮތުން ޓްރަމްޕް ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން، ކިއުބާގެ ވަފުދުގެ މެންބަރުން ވަނީ މަޖިލިސް ދޫކޮށް ނުކުމެވަޑައިގެންފަ އެވެ.

"އެއީ މުޅިން ނާކާމިޔާބުވެފައިވާ ގައުމެއް. ކުރިއަކުން ދުވަހަކުވެސް ނުވާ މިންވަރަށް އެ ގައުމު މިހާރު ދަނީ އިނދަޖެހެމުން. އެ ގައުމުގެ ވެރިކަން ވެއްޓޭނެ،" ޓްރަމްޕް ވިދާޅުވި އެވެ. އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެ ގައުމާ އެކު ކުރެވޭ މަޝްވަރާތައް ބަލަހައްޓަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

މިފަހަރުގެ ތަގުރީރު 2025 ވަނަ އަހަރުގެ ތަގުރީރަށްވުރެ މައިތިރިކަން ފާހަގަކުރެވެ އެވެ. އެ އަހަރު އޭނާ ވަނީ ދުނިޔޭގެ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބައެއް ގައުމުތައް ދަނީ ނަރަކައަށް ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ. އަދި އޭރު އދ. ގެ އިމާރާތުގެ އެސްކަލޭޓަރެއް ހުއްޓި، ޓެލެޕްރޮމްޕްޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން އދ. ގެ ވަސީލަތްތަކާ މެދު ޝަކުވާ ކުރައްވާފައިވެ އެވެ.

ޓްރަމްޕް މި ތަގުރީރު ދެއްވާފައިވަނީ، އީރާނަށް އެމެރިކާއިން ދިން ދެ ހަމަލާއެއްގައި ހަނގުރާމައިގެ ކުށްތަކަށް ޝައްކުކުރެވޭ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް އދ. ގެ ތަހުގީގީ ޓީމަކުން ރިޕޯޓްކުރިތާ ހަފުތާއެއްވެސް ނުވަނީހެވެ. އޭގެ ތެރޭގައި އީރާނުގެ ދެކުނު ސިޓީއެއް ކަމަށްވާ މިނާބްގެ ޕްރައިމަރީ ސުކޫލަކަށް ދިން ހަމަލާއެއް ހިމެނެ އެވެ.

އެމެރިކާގެ ބާރުވެރިކަމަށް ހުރަސްއެޅޭ ފަދަ ބައިނަލްއަގުވާމީ އިދާރާތަކަށް ޓްރަމްޕް އަލުން ފާޑުވިދާޅުވި އެވެ. ހާއްސަކޮށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް (އައިސީސީ) އަމާޒުކުރައްވައި، އެމެރިކާގެ އަސްކަރީ ސިފައިން އެ ކޯޓުގެ ބާރުގެ ދަށަށް ނާންނާނެ ކަމަށް ވިދާޅުވި އެވެ.

"އެމެރިކާގެ ސިފައިންނާ މެދު، އަޅުގަނޑުމެންގެ މައްޗަށް އެއްވެސް ބާރެއް ނުހިނގާ، އެމެރިކާއާ ދެކޮޅު ކޯޓަކުން ތަހުގީގު ހިންގައި، ދައްކާލުމުގެ ޝަރީއަތްތައް ހިންގުމަކަށް އަޅުގަނޑުމެން ދުވަހަކުވެސް ފުރުސަތެއް ނުދޭނަން،" އޭނާ ވިދާޅުވި އެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ބައިނަލްއަގުވާމީ ސަލާމަތާ ބެހޭގޮތުން ސެޕްޓެމްބަރު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން، މި އާ ޓެކްނޮލޮޖީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ޓްރަމްޕް ގަބޫލުކުރެއްވި އެވެ. ނަމަވެސް، އޭނާ ވިދާޅުވީ ސިނާއީ އިންގިލާބަށްވުރެ ބޮޑުވެގެންދާނެ ކަމެއްގެ ކުރިއެރުމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ.

މި ތަގުރީރާއެކު އދ. ގައި މަތީ ފަންތީގެ ޑިޕްލޮމެޓިކް ހަރަކާތްތަކެއް ވަނީ ފެށިފަ އެވެ. މެދުއިރުމައްޗާއި ޔޫކްރެއިންގެ ހަނގުރާމަތަކުގެ ސަބަބުން އޭނާގެ ހާރިޖީ ސިޔާސަތަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ޓްރަމްޕް ދުނިޔޭގެ ބައެއް ލީޑަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ތަގުރީރަށްފަހު، އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ، ވެނެޒުއޭލާގެ ވަގުތީ ލީޑަރު ޑެލްސީ ރޮޑްރިގޭޒްގެ އިތުރުން ޔޫއޭއީ، ސައޫދީ އަރަބިއްޔާ، އޮމާން، ބަހްރޭން، ކުވެއިތު އަދި ގަތަރު ހިމެނޭހެން ގަލްފުގެ ގައުމުތަކުގެ މަންދޫބުންނާއެކު ޖުމްލަ 11 ލީޑަރުންނާ ބައްދަލުކުރެއްވުމަށް ޓްރަމްޕްގެ ތާވަލުގައި އޮތެވެ.