އެމެރިކާގެ ފިއްތުންތަކަށް އީރާނުން ބޯނުލަނބާނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެ އެވެ. ޕެޗެޝްކިއަން ވަނީ ހޮރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ތެހެރާނުން އަޅާފައިވާ ފިޔަވަޅުތަކުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފަ އެވެ. އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އދ. ގެ އާންމު މަޖިލީހުގައި ދެއްވި ފުރަތަމަ ތަގުރީރުގައި އޭނާ ވަނީ ވަރަށް ވަރުގަދައަށް އެ ގައުމުތަކަށް ރައްދުދެއްވާފަ އެވެ.

ޕެޒެޝްކިއަން ތަގުރީރު ކުރައްވަން ފެއްޓެވުމާއެކު އެމެރިކާގެ ވަފުދު ވަނީ މަޖިލިސް ދޫކޮށް ނުކުމެފައެވެ.

ޕެޒެޝްކިއަން ވިދާޅުވީ ވޮޝިންޓަނުން ކުރިމަތިކުރާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އިތުރުވަމުންދާ ފިއްތުންތަކުގެ ސަބަބުން އީރާނުގެ ދިފާއީ ރޫހު އިތުރަށް ވަރުގަދަވާނެ ކަމަށެވެ.

"އެމެރިކާގެ ރައީސް ދެނެވަޑައިގަންނަވަންވާނީ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ފިއްތުންތަކާއި، ބިރުދެއްކުންތަކުގެ ކުރިމަތީގައި އީރާނުގެ ރައްޔިތުންގެ ސާބިތުކަން އިތުރުވާނެކަން. އަހަރެމެން ދުވަހަކުވެސް ބޯނުލަނބާނަން، އަދި ކަކޫވެސް ނުޖަހާނަން،" އޭނާ ވިދާޅުވި އެވެ.

ޕެޒެޝްކިއަން މިހެން ވިދާޅުވީ، ސުލްހައިގެ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް އދ. ގައި ދެއްވިތާ އެއްދުވަސް ފަހުންނެވެ. އެހެންނަމަވެސް، ޓްރަމްޕް ވަނީ ޑިޕްލޮމެޓިކް ހައްލެއް ފެނިދާނެ ކަމުގެ އުއްމީދު ވެސް ފާޅުކުރައްވާފަ އެވެ.

ޕެޒެޝްކިއަން ވަނީ ހޮރްމުޒް ކަނޑުއޮޅިއާ މެދު ތެހެރާނުން ގެންގުޅޭ ސިޔާސަތު ދިފާއުކުރައްވައި، އީރާނާ ދެކޮޅަށް ހަމަލާދިނުމަށް އެ މަގު ބޭނުންކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ބައެއް ފަރާތްތަކުން އެ މަގުން މިނިވަންކަމާއެކު ދަތުރުފަތުރުކޮށް އެމީހުންގެ މަސްލަހަތުތައް ހިމާޔަތްކުރަމުން، ހަމަ އެ މަގު ބޭނުންކޮށްގެން އަހަރެމެންނަށް އުދުވާނީ ހަމަލާތައް ދިނުމުގެ ފުރުސަތެއް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ބޮޑު ބައެއް ހުރަސްކުރާ ހޮރްމުޒް ކަނޑުއޮޅިއަކީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމުގައި އެންމެ މުހިންމު އެއް މައްސަލަ އެވެ. ވޮޝިންޓަނުން އަސްކަރީ ފިއްތުންތައް ކުޑަކޮށް، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް ނައްތާލައިފި ނަމަ، އެ ކަނޑުއޮޅި އަލުން ހުޅުވާލުމުގެ އިޝާރާތެއް އީރާނުން ވަނީ ދީފަ އެވެ.

ޕެޒެޝްކިއަން ވިދާޅުވީ، އީރާނަކީ މި ހަނގުރާމަ ފެށި ފަރާތް ނޫން ކަމަށާއި، ހަނގުރާމަ ހިނގަމުންދިޔަ ނަމަވެސް އީރާނުން އަދިވެސް އިސްކަންދެނީ ޑިޕްލޮމެޓިކް ހައްލަކަށް ކަމަށެވެ.

"އީރާނަކީ ދުވަހަކުވެސް އިސްވެ ހަމަލާދިން ގައުމެއް ނޫން، އަދި ހަނގުރާމައެއް ފެށި ގައުމެއްވެސް ނޫން. މަޝްވަރާގެ މޭޒަށް އީރާނުން އަބަދުވެސް އިހުތިރާމްކުރޭ، އަހަރެމެންގެ މައްޗަށް ހަނގުރާމަ މަޖުބޫރުކުރުވީ، އެކަމަކު އަހަރެމެން މި ސާބިތުކޮށްދިނީ ހަނގުރާމައަށް ބިރުނުގަންނަކަން." އޭނާ ވިދާޅުވި އެވެ.

އީރާނުގެ ރައީސް ވަނީ ތެހެރާނުން ޓެރަރިޒަމްގެ އަމަލުތައް ހިންގާ ކަމަށް ބުނެ ޓްރަމްޕް ކުރެއްވި ތުހުމަތުތައް ދޮގުކުރައްވައި، އީރާނަކީ ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާ ގައުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އީރާނުގެ ކުރީގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި، ހަނގުރާމައިގެ ތެރޭގައި ސްކޫލަކަށް ދިން ހަމަލާއަށް އިޝާރާތް ކުރައްވައި ޕެޒެޝްކިއަން ވިދާޅުވީ، އީރާނަކީ ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާ ބައެއް ކަމަށެވެ.

ދުނިޔޭގެ ލީޑަރުންނާ މުހާތަބު ކުރައްވަމުން ޕެޒެޝްކިއަން ވަނީ ޚާމަނޭއީގެ ފޮޓޯފުޅުތަކާއި، ހަނގުރާމައިގައި މަރުވި އީރާނުގެ ސްކޫލް ކުދިންގެ ފޮޓޯތައް ދައްކާލާފަ އެވެ.

ޕެޒެޝްކިއަންގެ މި ތަގުރީރު ދެއްވާފައިވަނީ، ނިއުޔޯކްގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި އެމެރިކާ އާއި އީރާނުގެ އޮފިޝަލުން ނުސީދާ މަޝްވަރާތަކެއް ބޭއްވިތާ އެއްދުވަސް ފަހުންނެވެ.

އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް ދެފަރާތުން މަޝްވަރާގެ ބުރެއް ފުރިހަމަކޮށްފައިވާ ކަމަށާއި، އެއީ އުއްމީދީ އަދި ބިނާކުރަނިވި މަޝްވަރާތަކަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މެދުވެރިންގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ބުނި ގޮތުގައި، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ތެހެރާނުން ހުށަހަޅާ ޝަރުތުތައް އެ ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ކަނޑުގެ ބްލޮކޭޑް ވަގުތުން އުވާލުމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމާއި، އަދި ހުރިހާ ދިފާއީ ފްރަންޓްތަކެއްގައި ކުރާ ހަނގުރާމަ ހުއްޓާލުން ހިމެނެ އެވެ.