ރައްޔިތުންނަށް ސަރުކާރުގެ ވަޒީރުންނާ ސީދާ ސުވާލުކުރެވޭ ގޮތަށް ކުރިއަށްގެންދާ "އަހާ" ފޯރަމް، އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މާދަމާރޭ (އާދީއްތަ ދުވަހުގެރޭ) ބޭއްވުމަށް ނިންމައިފި އެވެ.

މާދަމާ ރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި މިފަހަރު ބައިވެރިވެވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ހާމަކޮށްފައިވާ ގޮތުގައި ފޯރަމް ކުރިއަށްދާ ވަގުތު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ފޭސްބުކް އަދި އެކްސްގެ އިތުރުން ޕީއެސްއެމްގެ އެއާ މެދުވެރިކޮށް ވެސް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެ އެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް "އަހާ" ގެ ނަމުގައި ފޯރަމްތަކެއް ބާއްވަން ފެށީ ކޮންމެ ދެ މަހަކުން އެއް މަހު، ފަހަރަކު ފަސް ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ބާއްވާނެ ކަމަށް އިއުލާނުކުރުމަށް ފަހުގަ އެވެ. އެންމެ ފަހުން މި ސިލްސިލާގެ ފޯރަމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. އެއީ އެ ސިލްސިލާގެ ހަވަނަ ފޯރަމެވެ.

ރައީސް މުހައްމަދު މުއިއްޒު 22 ޖެނުއަރީ 2024 ގައި ވިދާޅުވެފައިވަނީ، މިއީ ވަޒީރުންގެ ދާއިރާތަކުން ބޭނުން ކޮންމެ ސުވާލެއް ކުރުމަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕަބްލިކް ފޯރަމެއް ކަމަށާއި، ކޮންމެ ދެ މަހުން އެއް މަހު ކެބިނެޓުގެ ފަސް ބޭފުޅުންނާއެކު މި ފޯރަމްތައް ބާއްވަވާނެ ކަމަށެވެ.

ނަމަވެސް، އެ ވައުދާ އެއްގޮތަށް މެދުނުކެނޑި މި ފޯރަމްތައް ކުރިއަކަށް ނުގެންދެވެ އެވެ. މީގެއިތުރުން، މި އަހަރުގެ ފެބްރުއަރީ 5 ގައި އިއްވެވި ރިޔާސީ ބަޔާނުގައި، ކޮންމެ ހަފުތާއަކު އެއްފަހަރު ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެކަން ވެސް އެގޮތަށް ކުރިއަކަށް ނުދެ އެވެ.