އާދަޔާހިލާފަށް ހޫނުގަދަވުމުގެ ސަބަބުން މާބަނޑު މީހުންނާއި އަލަށް އުފަންވާ ކުދިންނަށް އޮތް ނުރައްކާ އިތުރުވަމުންދާކަމުގެ އިންޒާރު، އދ. ގެ މޫސުމީ ބަދަލުތަކާބެހޭ އިސްވެރިޔާ ސައިމަން ސްޓިއެލް ދެއްވައިފި އެވެ.
ފިޖީގެ ނާދީގައި ކުރިއަށްދާ "ޕްރީ-ކޮޕް" ސަމިޓުގައި ވާހަކަދައްކަވަމުން ސްޓިއެލް ވިދާޅުވީ، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ފަސް ބައްރެއްގެ ސިއްހީ މާހިރުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް، ގަދަ ހޫނުގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތަކާއި އުނދަގޫތައް ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ހޫނުމިން މަތިވުމަކީ މާބަނޑު ދުވަސްވަރު ކުރިމަތިވާ ނުރައްކާތައް އިތުރުވާ ކަމެކެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އާދަޔާހިލާފު ހޫނަކީ، ދުވަސް ނުފުރާ ވިހެއުމާއި، ބަނޑަށް ކުއްޖާ މަރުވުމާއި، އުފަންވާއިރު ކުއްޖާގެ ބަރުދަން ލުއިވުމުގެ އިތުރުން މައިމީހާއަށް ދިމާވާ އެކިއެކި ސިއްހީ މައްސަލަތަކާ ގުޅިފައިވާ ކަމެކެވެ.
"މަންޒަރު ވަރަށް ސާފު އަދި އެހާމެ ބިރުވެރި. ގަދަ ހޫނުގެ މައްސަލަ ގޯސްވަމުންދާ ވަރަކަށް، މާބަނޑުވުމާއި ވިހެއުމުގެ މަރުހަލާއަކީ ދުނިޔޭގެ މޫސުމީ ކާރިސާގައި އަލަށް އުފެދިފައިވާ ނުރައްކާތެރި ދާއިރާއެއް. މިއީ ފުރާނައަށް ނުރައްކާވެދާނެ ކަމެއް،" ސްޓިއެލް ވިދާޅުވި އެވެ.
ސައިންސްވެރިން އިންޒާރުދޭ ގޮތުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން މޫސުމީ ހާދިސާތައް އިތުރަށް ނުރައްކާވެ، ހޫނުމިން މަތިވުމުގެ އާ ރެކޯޑުތައް ދަނީ ގާއިމުވަމުންނެވެ. ޔޫރަޕިއަން ޔޫނިއަންގެ ކޮޕާނިކަސް ކްލައިމެޓް އޮބްޒަވޭޓަރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖުލައި މަހަކީ، ޔޫރަޕުން ފެށިގެން އެފްރިކާގެ ސާހިލް ސަރަހައްދާއި މެދުތެރޭ އެމެރިކާ ހިމެނޭހެން ގާތްގަނޑަކަށް 33 ގައުމަކަށް، ރެކޯޑު ކުރެވުނު އެންމެ ހޫނުގަދަ މަހެވެ.
ޗެރިޓަބަލް ފައުންޑޭޝަނެއް ކަމަށްވާ "ވެލްކަމް" އިން އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، އިންޑިއާ، ބްރެޒިލް އަދި ޒިމްބާބުވޭގެ 1،000 މިޑްވައިފުންނާއި ޑޮކްޓަރުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން މައިންނާއި ތުއްތު ކުދިންނަށް އޮތް ނުރައްކާ ދަނީ ބޮޑުވަމުންނެވެ.
އެ ފައުންޑޭޝަނުގެ އެންމެ އިސްވެރިޔާ އަދި އޮސްޓްރޭލިއާގެ ކުރީގެ ބޮޑުވަޒީރު ޖޫލިއާ ގިލާޑް ވިދާޅުވީ، ގަދަ ހޫނަކީ ފެންނަން ނެތް ގާތިލެއް ކަމަށާއި، ނަމަވެސް މާބަނޑު އަންހެނުންނަކީ ފެންނަން ނެތް ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ހެކިތަކާއި ހައްލުތައް ގައުމުތަކުގެ ވެރިންނަށް އެނގޭއިރު، މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ދިރާސާގައި ބައިވެރިވި ގާތްގަނޑަކަށް ހުރިހާ ސިއްހީ މާހިރުންނަކީ ވެސް، ގަދަ ހޫނުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާދީފައިވާ މީހުންނެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ބުނި ގޮތުގައި، އުފަންވާއިރު ބަރުދަން ލުއިވުމާއި، ހަށިގަނޑު ހެދިބޮޑުވުމަށް ހުރަސްއެޅުމާއި، ކާންދިނުމުގައި ދިމާވާ ދަތިތަކުގެ އިތުރުން، ފެންމަދުވުމާއި ހޫނާ ގުޅުންހުރި އެކި ބަލިތައް ފެނިފައިވަނީ ގަދަ ހޫނުގެ ސަބަބުންނެވެ.
ސްޓިއެލް ވިދާޅުވީ، މާބަނޑު ދުވަސްވަރަކީ އުންމީދުން ފުރިގެންވާ ދުވަސްތަކަކަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާ ހެދި، މިލިއަނުން މީހުންނަށް މި ދުވަސްވަރު ވެފައިވަނީ ބިރުވެރިކަމާއި ހާސްކަމުން ފުރިގެންވާ ދުވަސްތަކަކަށެވެ.
ފިޖީ އަދި ތުވާލޫގައި ބޭއްވުނު މި ސަމިޓަކީ، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކުގެ ހާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ލިބުނު ފުރުސަތެކެވެ. މިއީ އަންނަ ނޮވެމްބަރު މަހު ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ ބޮޑު މޫސުމީ ސަމިޓް، "ކޮޕް31" ގެ ތައްޔާރީ ބައްދަލުވުމެކެވެ.
ރަސްމާލެ މަޝްރޫއަކީ ބޮޑު އޮޅުވާލުމެއް: ޝާހިދު
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޝަމްއޫން އައްޔަންކޮށްފި
އެމާއާއި ކޮޑީގެ ކައިވެނީގެ އެންމެ ފުރަތަމަ ފޮޓޯތައް އާއްމުކޮށްފި
