ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ކާންހޯ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުން އިއްޔެ ދިވެއްސަކު 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
ޖަލު ހުކުމުގެ އިތުރުން، އުމުރުން 39 އަހަރުގެ މުހައްމަދު އަނިލްގެ އަދަބު ފުރިހަމަވުމުން އޭނާ ވިއެޓްނާމުން ޑީޕޯޓްކޮށްލުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ދައުވާގައިވާ ގޮތުން، 8 ޑިސެމްބަރު 2025 ގައި ކާންހޯ ޕްރޮވިންސްގެ ކޭމް ރާން އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުވެރިންގެ ފޮށި ތަންމަތި ޗެކްކުރުމުގެ ތެރޭގައި، އަނިލްގެ ޗެކް-އިން ބެގޭޖާއި އަތްދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ކަސްޓަމްސް އޮފިސަރުންނަށް ވަނީ ފެނިފަ އެވެ.
ތައިލެންޑުގެ ބެންކޮކުން ފުރައިގެން ދިޔަ ފްލައިޓަކުން އޭނާ އެއާޕޯޓަށް ފޭބުމުން، އެ ގައުމުގެ ކަސްޓަމްސް އޮފިސަރުން ވަނީ އޭނާ ހިފަހައްޓައި، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން އޭނާގެ ދަބަސްތައް ބަލައި ފާސްކޮށްފަ އެވެ. އެ ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ ޕެކެޓްތަކެއް ފެނިފައިވެ އެވެ.
ނަމަވެސް އަނިލް މަސްތުވާތަކެއްޗަށް ޓެސްޓްކުރި އިރު އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫނެވެ.
މި މައްސަލައިގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، 7 ނޮވެމްބަރު 2025 ގައި ބެންކޮކްގެ ހޮޓަލެއްގައި ހުއްޓާ، އަނިލްގެ ރަހުމަތްތެރިއެއް ކަމަށްވާ "އަފޫ" (އޭނާއަކީ ކާކުކަމާއި އުޅޭ ތަނެއް މިހާތަނަށް ދެނެގަނެވިފައި ނުވާ މީހެއް) ވަނީ ތައިލެންޑުން ވިއެޓްނާމަށް މަސްތުވާތަކެތީގެ ހަ ޕެކެޓް ގެންގޮސްދިނުމަށް އޭނާއަށް ހުށަހަޅާފަ އެވެ.
ތައިލެންޑުގެ ޕަޓާޔާ ސަރަހައްދުގައި ދިރިއުޅޭ އަފޫ، އަނިލް ގާތު ބުނެފައިވަނީ އޭނާ ވިއެޓްނާމަށް ދިއުމުން މަސްތުވާތަކެއްޗާ ހަވާލުވުމަށް މީހަކު އޭނާއާ ގުޅާނެ ކަމަށެވެ.
މި މަސައްކަތް ނިންމުމުން އުޖޫރައިގެ ގޮތުގައި 1,000 އެމެރިކާ ޑޮލަރު ދޭނެ ކަމަށް ވަނީ އެއްބަސްވެފަ އެވެ. އަދި ކެއުމާއި ދަތުރުފަތުރުގެ ހަރަދަށް ކުރިން 500 ޑޮލަރު ވަނީ ދީފަ އެވެ. އެއަށްފަހު އަފޫ ވަނީ އަނިލްގެ ފޮށްޓަށް އެ މަސްތުވާތަކެތި އަޅާފަ އެވެ.
އަނިލް ވިއެޓްނާމަށް ގޮސް އިމިގްރޭޝަންގެ ކަންކަން ފުރިހަމަކުރަނިކޮށް އަތުލައިގަތްއިރު، އޭނާ އަތުން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 1,545.6893 ގްރާމެވެ. މީގެ ތެރޭގައި 1,067.2293 ގްރާމްގެ މެފެޑްރޯން އާއި 478.46 ގްރާމްގެ އަލްފާ-ޕައިރޮލިޑިނޯޕެންޓިއޯފެނޯން ހިމެނެ އެވެ.
ކޯޓުން ވަނީ އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، އަދަބު ފުރިހަމަވުމުން ވިއެޓްނާމުން ޑީޕޯޓްކޮށްލުމަށް ނިންމާފަ އެވެ.
ސަމާލުވޭ! އެނާޖީ ބުއިންތަކުން ކުޑަކުދިންގެ ސިއްހަތަށް ނުރައްކާ!
ސަލްމާންގެ "މާތުރަބޫމީ"އަށް ސަރުކާރުގެ ކްލިއަރެންސް ލިބިއްޖެ