ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކަކަށް އޮޅުވާލައިގެން މުދާ އެތެރެކުރި މައްސަލާގައި، ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ހުސައިން ޝިފާއު ގޭބަންދަށް ބަދަލުކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޖަލުތަކާ ބެހޭ ގާނޫނުގެ ދަށުން ޖަލުގައި ހުރެގެން ފަރުވާ ނުކުރެވޭ ހާލަތްތަކުގައި ޑޮކްޓަރުންގެ ލަފާގެ މަތިން ގައިދީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

އެގޮތުން ޝިފާއު ގޭބަންދަށް ބަދަލުކުރީ ސިއްހީ ސަބަބުތަކަށްޓަކައި އެއް މަސް ދުވަހުގެ މުއްދަތަކަށް ކަމަށާއި، ހާލަތަށް ބަލައި އިތުރު ދެ މަސް ދުވަހަށް އެ މުއްދަތު އިތުރުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކު ކަމަށާއި، އެ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ ވަގުތުން އަނބުރާ ޖަލަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސައްހަ ނޫން ޓީޓީތަކެއް ބޭނުންކޮށްގެން ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މި މައްސަލާގައި 2023 ވަނަ އަހަރު ޝިފާއު ހައްޔަރުކޮށް، ދައުލަތުން އޭނާގެ މައްޗަށް 23 ދައުވާއެއް އުފުލި އެވެ. އޭގެ ތެރޭގައި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއާއި، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ހަތް ދައުވާ ހިމެނެ އެވެ.

މި ހުރިހާ ދައުވާތަކެއް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާގެ މައްޗަށް ޖުމްލަ 109 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ހަތް މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެއީ މަނީ ލޯންޑްރިންގެ ކުށުގައި 70 އަހަރު، މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 30 އަހަރު، އަދި ސައްހަ ނޫން ލިޔުން ދިނުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ކޯޓުން ޝިފާއު ދޫކޮށްލުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ފިލައިގެން ދިއުމުން، އިންޓަޕޮލް ރެޑް ނޯޓިސް ވެސް ނެރުނެވެ. އޭނާ ހައްޔަރުކުރީ ފަހުން އެނބުރި ރާއްޖެ އައުމުންނެވެ. އަދި އޭނާ އިއުތިރާފުވެ، ދައުލަތާ އެކު ލުއި އަދަބެއް ހޯދުމަށް އެއްބަސްވުމެއް ހެދި ނަމަވެސް، ކަން ހިނގި ގޮތަށް ރިއާޔަތްކުރުމަށްފަހު އެ އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ވަނީ ނިންމާފަ އެވެ. މީގެއިތުރުން، މި ސަރުކާރުގެ ކުރީކޮޅު ސިޔާސީ މަގާމަކަށް އޭނާ އައްޔަންކުރުމަށްފަހު، މީޑިއާގެ ސަމާލުކަމަށް އެކަން އައުމުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.